މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާއި ގުޅިގެން ފުލުހުންނަށް މިހާތަނަށް ލިބިފައިވާ ހެއްކާއި ގަރީނާ ރިވިއުކޮށް، އެ މައުލޫމާތު ހާމަކުރަންޖެހޭ ހިސާބުން މައުލޫމާތު އާންމުންނަށް ހާމަކުރާނެކަމަށް ފުލުހުންގެ އިދާރާ ހިންގުމާއި ހަވާލުވެ ހުންނެވި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށްގެންދިޔަ ތަހުގީގުގެ ރިޕޯޓު އިއްޔެ ވަނީ އާންމުކޮށްފައެވެ. މި ތަހުގީގު ރިޕޯޓުގައި ބުނެފައިވާގޮތުން 163 ފަރާތެއްގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަނީ ވަދެފައެވެ.

ނަމަވެސް އެހެން މަސްދަރުތަކުން "ސަން"އަށް އެނގިފައިވާގޮތުގައި 500 އަށްވުރެ ގިނަ މީހުންނަށް ހިޔާނާތުގެ ފައިސާ ވަނީ ލިބިފައެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަދެފައިވާ އެކައުންޓުތައް، މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ފޯނުތަކުން ފުލުހުން ދެނެގަނެފައިވާކަން ވަނީ އެނގިފައެވެ.

މި މައުލޫމާތު ހާމަކުރާނީ ކޮންއިރަކުންތޯ ސުވާލު ކުރުމުން އެކްޓިން ސީޕީ ހަމީދު "ސަން"އަށް ވިދާޅުވީ ފުލުހުންނަށް މިހާތަނަށް ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލައި މައުލޫމާތު ހާމަކުރަންޖެހޭ ހިސާބުން ހާމަކުރާނެ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލާގައި އިތުރަށް ތަހުގީގުކުރަން ހުރި ކަންތައް ބަލައި ތަހުގީގުކުރަން ފަށާނެކަމަށްވެސް އެކްޓިން ސީޕީ ހަމީދު ވިދާޅުވިއެވެ.

"މިހާރު އެމްއެމްޕީއާރުސީ ރިޕޯޓުން ހާމަވި މިންވަރާއެކު އަޅުގަނޑުމެންނަށް ތަހުގީގުކުރެވެން ހުރި ބައިތަކަކީ ކޮބައިތޯ ދެނެގަނެ އެ ތަހުގީގުތައް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން. މީގެ އިތުރުން ކުރިން ލިބިފައި ހުރި ހެއްކާއި ގަރީނާތައް އިތުރަށް ދިރާސާކުރުމުގެ މަސައްކަތް ކުރާނަން،"

އެކްޓިންގް ސީޕީ ހަމީދު ވިދާޅުވީ އިތުރު މައުލޫމާތު ހާމަކުރާނީ އޭގެ ފަހުން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ޖުމްލަ 1.4 ބިލިއަން ރުފިޔާއަށް އަރައެވެ.