ހުޅުމާލޭގެ ގަސްތަކެއްގެ ތެރެއިން އަށް ފުޅި ބަނގުރާ ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އެ ފުޅިތައް ފެނިފައި ވަނީ ހުޅުމާލޭ މަގުތައް ޕެޓްރޯލް ކުރަމުން ދަނިކޮށް އެރަށު މިދިލިމަގު ކައިރީ، ގަސްތަކުގެ ތެރެއިން ބަނގުރާ ވަސްދުވާތީ، ބަލައި ފާސް ކުރުމުގެ ތެރޭ ކަމަށެވެ. ރާ ފުޅިތައް ހުރީ ގަސްތަކުގެ ތެރޭގައި ހުރި ދަބަހެއްގެ ތެރެއިން ކަމަށާއި ފެނުނު އަށް ފުޅީގައި ވެސް ބަނގުރާ ހުރި ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުގެރޭ މާލޭގެ ގެއެއްގެ ކޮޓަރިއެއްގެ ތެރެއިން ވެސް 12 ކޭސް ބިޔަރާއި 29 ބިޔަރު ދަޅު ފުލުހުން އަތުލައިގަތެވެ. ހަމަ އެގޭން ބިޔަރު ހުސްކޮށްފައި ހުރި ދަޅެއްގެ އިތުރުން ބަނގުރާ ފުޅި އަކާއި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 17 ރަބަރު ޕެކެޓް ވަނީ ފެނި، ތިން މީހަކު ހައްޔަރުކުރި އެވެ.