އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އިތުރުން، ރާއްޖޭގައި ހިނގާފައިވާ ހުރިހާ ކޮރަޕްޝަންގެ މައްސަލަަތައް ތަހުގީގުކުރަން ޖެހޭ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެެއްޖެ އެވެ.

ޖަމީލް ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮރަޕްޝަނުގެ މައްސަލަތަކުގައި އަޅުއްވަމުންދާ އަވަސް ފިޔަވަޅުތަކާ ގުޅިގެން ރައީސްއަށް މަރުހާބާ ވެސް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ޖަމީލު ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް އެމްއެމްޕީއާރުސީގެ މައްސަލައިން ހަމައެކަނި ނިންމާލެވެން ނެތް ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި ކޮރަޕްޝަންގެ ބޮޑެތި ކަންތައްތަކެއް ހިނގަފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީގެ ފައިސާ ބޭނުންކޮށްފައި އެބަހުރި ޑިމޮކްރެޓިކް އިންސްޓިޓިއުޝަންތައް ނައްތާލައި، ގާނޫނު އަސާސީ ބަދަލުކޮށް ނާއިބު ރައީސް މަގާމުން ދުރުކުރުމަށް ވެސް. އޭގެން ފައިސާ ލިބުނު މީހުން އަދި ވެސް ސަރުކާރުގެ މަގާމުތަކުގައި އެބަތިބި." އޭނާ ވިދާޅުވި އެވެ.

ޖަމީލް ނާއިބު ރައީސްކަމުން ދުރުކުރުމަށް އެމްއެމްޕީއާރުސީގެ ފައިސާ އިން މަޖިލީހުގެ މެމްބަރުންނަށް ފައިސާ ދީފައިވާ ކަމަށް ވަރަށް ބޮޑަށް އަޑުތައް ފެތުރިފައިވެ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ރައީސް ސޯލިހް އިއްޔެ އިފްތިތާހްކުރި "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕޭންއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެ ކެމްޕޭންގެ ހަގީގީ މަގުސަދު ހާސިލްވާނީ ވަކި ޕާޓީއެއްގެ މެމްބަރަކަށް ނުބަލައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ފަރާތްތަކާ މެދު އަމަލީ ފިޔަވަޅު އެޅިގެން ކަމަށެވެ.