15 Feb 2019, 12:11
އެމްްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރު ކުރުމަށް ބޭނުން ކުރި އެސްއޯއެފްގެ އެކަންޓު މެދުވެރިކޮށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބައެއް މެމްބަރުންގެ އާއިލާތަކަށް ވެސް ލިބުނު ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ތުހުމަތު ކުރައްވައިފި އެވެ. ނިޔާޒު ވިދާޅުވަނީ އެ މައުލޫމަތު އެސީސީއާ ހިއްސާ ކުރެއްވި ކަމަށާއި ނަމަވެސް އެ މައުލޫމަތު އިއްޔެ އެކޮމިޝަންނުން ނެރުނު ރިޕޯޓުގައި ހާމަ ކޮށްފައި ނުވާ ކަމަށެވެ.
އެމްއެމްޕީއާރުގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހިންގި ތަހުގީގުގެތަފްސީލު ރިޕޯޓުއެ ކޮމިޝަނުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. އެ ރިޕޯޓުގައި ވަނީ އެ ކުންފުނީގެ ކޮރަޕްޝަންގެ ފައިސާ ޖަމާވި އެކައުންޓްތަކާއި އެ މީހުން ވަނަވަރު ހާމަކޮށްފަ އެވެ.
އޭސީސީ އިން ނެރުނު ރިޕޯޓާ ގުޅިގެން ނިޔާޒު ރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އެ ރިޕޯޓުގައި ވަނީ އެސްއޯއެފް ކުންފުނި މެދުވެރިކޮށް އެކި ފަރާތްތަކަށް ފޮނުވި ފައިސާގެ ތެރެއިން "ބައި ކުޅަ" ބައެއް ކަމަށެވެ.
ނިޔާޒު ވިދާޅުވީ، އެސްއޯއެފް މެދުވެރިކޮށް ފައިސާ ލިބުނު ފަރާތަކާއި އަދީބު އަތުން ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ މައުލޫމަތު އޭސީސީއާ ހިއްސާ ކުރެއްވި ކަމަށާއި ނަމަވެސް އެއިން ބައެއް ފަރާތްތަކުގެ މައުލޫމާތު އޭސީސީ އިން ނެރުނު ތަހުގީގު ރިޕޯޓުގައި ހާމަކޮށްފައި ނުވާ ކަމަށެވެ.
"އެ ފަރާތްތަކުގެ ނަން އޭސީސީ އިން ހާމަ ނުކުރީ ކީއްވެކަމެއް ނޭނގެ. ނަމަވެސް ޔަގީންވާ ކަމަކީ އޭސީސީގެ ބައެއް މެމްބަރުނާ އައިލީ ގުޅުން އޮތް ފަރާތްތައް ވެސް މީގެ ތެރޭގައި ހިމެނޭ،" ނިޔާޒު ތުހުމަތު ކުރެއްވި އެވެ.
ނިޔާޒު ވިދާޅުވީ، އެމްއެމްޕީއާރުސީ އަށް ލިބުނު ފައިސާގެ އިތުރުން އެތައް މިލިއަން ޑޮލަރެއް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް ކަމަށް ވަޑައިގެންނެވި އަހްމަދު އަދީބު އަބްދުލް ޤަފޫރުގެ އަމިއްލަ އެކައުންޓުތަކަށާއި އޭނަގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ވަދެފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުން އަދި ވެސް ސަރުކާރުގެ މަގާމުތަކުގައި އެބަ ތިބި ކަމަށާއި އެ ފައިސާ ލިބުނު ބައެއް މަޖިލިސް މެމްބަރުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަ ކުރައްވާ ކަން ވެސް ނިޔާޒު ފާހަގަ ކުރެއްވި އެވެ.
އޭސީސީ އިން އިއްޔެ ނެރުނު ރިޕޯޓުން ހާމަވެފައިވާ ގޮތުގައި އެމްއެމްޕީއާރުސީ އިން ދޫކުރި 57 ރަށާއި ފަޅަކަށް އެ ކޯޕަރޭޝަނަށް 77.4 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު، އެ ކޯޕަރޭޝަނަށް ލިބިފައި ވަނީ 12 މިލިއަން ޑޮލަރު ކަމަށެވެ. އެ ފައިސާ ވަތް މީހުންގެ ތެރޭގައި ބޮޑެތި ވިޔަފާރި ކުންފުނިތަކާއި މަޖިލިސް މެމްބަރުން އަދި މީހާރުގެ ސަރުކާރުގެ ދެ މިނިސްޓަރުން ހިމެނެ އެވެ.