15 Feb 2019, 11:40
ރައީސް ނަޝީދު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ ދަރަންޏާ ބެހޭ ގޮތުން އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖްއާ މަޝްވަރާކޮށްފި އެވެ.
މިއީ ވެރިކަން ބަދަލުވި ފަހުން ރައީސް ނަޝީދު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޝްމާއާ އެކު ކުރެއްވި ބައްދަލުވުމުގައި ތިން ދާއިރާއަކުން މަޝްވަރާކުރެވުނު ކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ދީނީގޮތުން ހައްދު ފަހަނަ އަޅައިދިއުމާއި އަދި ނިިމިގެން ދިޔަ ސަރުކާރުގައި ނެގި ބިޔަ ލޯނުތަކާ ގުޅިގެން އެކަމުގައި ހުރި ބޮޑެތި ގެއްލުންތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
Delighted to meet Indian External Affairs Minister@SushmaSwarajin New Delhi today. Good discussion on 3 areas of mutual concern: climate change, extremism, and the danger of Maldives falling into a ‘debt trap’ because of the reckless borrowing of previous administration.pic.twitter.com/E7tWlRVt7N
— Mohamed Nasheed (@MohamedNasheed)February 14, 2019
ރައީސް ނަޝީދު އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ޗައިނާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އަދި ރާއްޖެ އަދި އިންޑިއާ ކަނޑުގެ ގައުމުތަކުގައި ޗައިނާގެ މަސްލަހަތު މާބޮޑަށް ހިފެހެއްޓުމަށް މަަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ބޮޑެތި ލޯނުތައް ދީ ގައުމުތައް ދަރުވާލައި އެކި ގައުމުތަކުގެ ބިންތައް ނެގުމުގެ ސިޔާސަތެއް ޗައިނާއިން ގެންގުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި އިންޑިއާ އަށް ތައުރީފްކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އިންޑިއާކީ ރާއްޖޭގެ މަސްލަހަތާ އެންމެ ބޮޑަށް ގުޅިފައިވާ ގައުމުކަމަށެވެ.
އަދި އިންޑިއާގެ ތާރީހުގައި ވެސް އިންޑިއާގެ މައި ސަރުކާރުން ރާއްޖެ އަޅުވެތިކުރަން މަސައްކަތް ކޮށްފައިނު ވަނީ އެގައުމުގެ މަސްލަހަތުގައި އެކަން ނެތުމުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖެ އާއި އިންޑިއާއާ އޮންނަ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫނާރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އިންޑިއާ ދަތުރުގައި ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް، އައިސީސީއާރް އަދި ޖަވާހިރުލާލް ނެހެރޫ ޔުނިވާސިޓީގައި އެމަނިކުފާނު ވަނީ ތަގުރީރު ދެއްވައިފަ އެވެ.
ތާރީހުން އެނގޭ ގޮތުގައި އިންޑިއާގައި ތަފާތު ވެރިކަންތައް އޮތް ޒަމާނުގައި 1752ގައި މަލާބާރީން ވަނީ ރާއްޖެ ހިފައިފަ އެވެ. ނަމަވެސް އެ މީހުންނަށް ވެރިކަމުގައި ދެމި ތިބެވުނީ ދެތިން މަސް ވަންދެންނެވެ. އޭގެ އިތުރުން 1600ގެ އަހަރުތަކުގައި ރާއްޖެ އަރައި ބޮޑުތަކުރުފާނުގެ ދަރިކަލުން އިބްރާހީމް ކަލާފާނު އަވަހާރަކޮށްލި އެވެ. ނަމަވެސް އެ ފަހަރު އެމީހުން ރާއްޖެއެއް ނުހިފަ އެވެ.