15 Feb 2019, 11:23
އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ އިން އިއްޔެ ނެރުނު އެމްްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ރިޕޯޓާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިން ނިންމެވި ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
އެސީސީ އިން އިއްޔެ ނެރުނު ރިޕޯޓުން ހާމަވެފައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މުއާމަލާތްތައް ހިންގި އެސްއޯއެފް ކުންފުނީގެ އެކައުންޓުން އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު (462،600) ޖަމާކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެމައްސަލަ ތަހުގީގުކޮށް ނިމެންދެން ރައީސް ސޯލިހް ވަނީ އޭނާ ގޭގައި މަޑުކުރުމަށް އަންގައިފަ އެވެ.
އަކްރަމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެ ރިޕޯޓާއި ގުޅިގެން ތުހުމަތު ކުރެވޭ ސިޔާސީ ބޭފުޅުން އެ މީހުންގެ ޒިންމާއިން ސަސްޕެންޑް ކުރުމަށް ރައީސް ނިންމެވި ނިންމެވުމަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އަދި އެއީ އެ މައްސަލަތައް ބަލައި ހޯދޭ ކަންކަން އަވަހަށް އާއްމުންނަށް އަންގަން ޖެހޭ ސަބަބެއް ކަމަށް ވެސް އަކްރަމް ކުރެއްވި ޓްވީޓްގައި ލިޔެފައިވެ އެވެ.
އިތުރު ތަފްސީލެއް އަކުރަމް ނުދެއްވަ އެވެ.
I respect the decision by President@Ibusolihto suspend official duties of Political appointees in relation to the transactions reported by the ACC. It is a matter of immediate urgency that the authorities expedite the investigations and inform the public about its findings.
— Akram Kamaludeen (@Akramkdeen)February 14, 2019
އެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ އެކަންޓަށް ވެސް ފައިސާ ވަދެފައިވެ އެވެ. މަހުލޫފު އެކައުންޓަށް ވަދެފައިވާ 33،000 ޑޮލަރުގެ (508،860) މައްސަލާގައިި، އެ މައްސަލަ ބަލައި ނިމެންދެން އޭނާ ވެސް ގޭގައި މަޑުކުރުމަށް ރައީސް ސޯލިހް ވަނީ އިއްޔެ އަންގަވައިފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މުއާމަލާތްތައް ހިންގި އެސްއޯއެފް ކުންފުނިން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލާގައި އޭނާ ގޭގައި މަޑުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވި އެންގެވުމަށް އިހުތިރާމު ކުރައްވާ ކަމަށް އަކްރަމް ރޭ ވިދާޅުވެއްޖެ އެވެ. ރައީސް ސޯލިހްގެ އެ ނިންމުމަށް މަހުލޫފު ވެސް ވަނީ އިހުތިރާމް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މަހުލޫފު އިއްޔެ ހަވީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށް ފަހު ގޯހެއް ހެދިފައިވާކަން ސާބިތުވެއްޖެ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށެވެ.
އެމްއެމްޕީއާރުސީ އިން ދޫކުރި 57 ރަށާއި ފަޅަކަށް އެ ކޯޕަރޭޝަނަށް 77.4 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު، އެ ކޯޕަރޭޝަނަށް ލިބިފައި ވަނީ 12 މިލިއަން ޑޮލަރު ކަން އޭސީސީން ނެރުނު ތަހުގީގު ރިޕޯޓުން ވަނީ ހާމަ ވެފަ އެވެ.