ފުރަތަމަ ސައުތު އޭޝިއަން ބީޗް ގޭމްސްގެ ވިންޑް ސާފިންގެ އިވެންޓްގައި އިއްޔެ ރާއްޖޭގެ ނޫމާން އަބޫބަކުރު ވާދަކުރި ލައިޓް ވެއިޓް ކެޓަގަރީއިން އޭނާ ތިންވަނަ ހޯދައިފިއެވެ.

ނޫމާން ތިންވަނަ ހޯދި ނަމަވެސް ހެވީ ވެއިޓް ކެޓަގަރީގައި ރާއްޖޭގެ ހުސެއިން އާމިލް ވާދަކުރަން އޮތް އިވެންޓްގެ ކުރިން ޓްރަޔަލް ރައުންޑް ޖެހުމުގެ ތެރޭގައި އޭނާގެ އަތަށް ލިބުނު އަނިޔާއެއްގެ ސަބަބުންވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ރާއްޖޭގެ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބު ބުނީ ހުސެއިންއަށް މާދަމާ ވާދަކުރެވޭނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އޭނާގެ އަތަށް ލިބިފައިވާ އަނިޔާ ފައިނަލް ކުރެވޭނީ މިއަދު ކަމަށެވެ.

ސާފިންގ ޓީމުގެ މޭނޭޖަރު އަލީ ރިޔާޒް ބުނެފައިވަނީ މާދަމާގެ އިވެންޓްތަކުގައި ރަނގަޅުވާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށާއި މިއަދު ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ މިފަދަ މާހައުލެއްގައި ޕްރެކްޓިސް ކުރެވިފައި ނެތުން ކަމަށެވެ.
"މިތަނުގެ ކޮންޑިޝަންއަށް ބަލާފަ ބުނެވޭނީ ނޫމާން ވަރަށް ރަނގަޅުކަމަށް. މިތަނުގެ މާހަލުގައި ރާޅުތައް ބޮޑުވެފަ އަދި ވައިވެސް އެހާ ބާރު. އެހެން ނަމަވެސް މާދަމާ ރަނގަޅުވާނެ ކަމަށް މިބަލަނީ. ދެން އަދި ހުސެއިން ފިޓްވެ އޭނާއަށް ވާދަކުރެވޭ ގޮތް ވެއްޖިއްޔާ ރަނގަޅުވާނެކަމަށް ބަލަނީ،" އައްޔަ ބުންޏެވެ.