06 Jun 2010, 15:25
19:00
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލަ ގަޔަށް ޕެޓްރޯލް އެޅުމަށްފަހު ރޯކޮށްލި ކަމަށް ބުނާ އިބްރާހިމް އަފްޒަލްގެ މައްސަލަ، ހާދިސާ ހިނގުމާއެކު ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް އެންގުމަކީ ފުލުހުންގެ މައްޗަށް ލާޒިމްކުރާ ކަމެއް ނަމަވެސް އެކަން ހުށަހަޅާފައި ވަނީ އޭނާ މަރުވި ފަހުން ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބުނެފި އެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް އެކޮމިޝަނަށް އެންގުމަކީ ފުލުހުންގެ ޤާނޫނުގެ ދަށުން ފުލުހުންގެ އިދާރާގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމުގައި ވީނަމަވެސް، އެ ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވަނީ ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލަ ގަޔަށް ޕެޓްރޯލް ހަމެއް އަޅައި ރޯކޮށްލައިގެން އަފްޒަލް މަރުވި ފަހުން ކަމަށެވެ. އަދި އެ ހާހިސާގެ މައުލޫމާތު އެ ކޮމިޝަނަށް ލިބުމާއެކު އެކޮމިޝަނުން އެ މައްސަލަ ބަލަމުން އަންނަ ކަމަށްވެސް އެ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބުނެ އެވެ.
އިބްރާހިމް އަފްޒަލްގެ މަރުގެ މައްސަލައަކީ މައްސަލާގެ ބާވަތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ އިތުރުން އެހެން ބައެއް މުއައްސަސާތަކުން ވެސް ތަޙްޤީޤްކުރާ މައްސަލައެއް ކަމަށާއި ނަމަވެސް އެފަދަ މައްސަލަތައް ތަހްޤީޤްކުރުމުގައި އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ޝާމިލުވުމުގެ ސަބަބުން ބައެއް ފަހަރު އެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކަށް އޮޅުން އަރާ ކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކޮމިޝަންގެ ފަރާތުން ތަހްޤީޤްކުރާ ފަރާތްތަކުން އެ ކޮމިޝަންގެ އައިޑީ ކާޑު ދައްކާ ތައާރަފްވާނެ ކަމަށާއި އެންމެހާ ފަރާތްތަކުން އެ ކޮމިޝަނުން ކުރިއަށް ގެންދާ ތަހްޤީޤަށް އެއްބާރުލުން ދިނުމަށް ވެސް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ އެ ނޫސް ބަޔާނުގައި އެދިފައިވެ އެވެ.