14 Feb 2019, 23:06
ކަޝްމީރުގައި އިންޑިއާއިން ބަލަހައްޓާ ސަރަހައްދުގައި، އިންޑިއާގެ ސިފައިންގެ ބަޔަކު ދަތުރުކުރަމުން ދިޔަ ބަހަކަށް އަމާޒުކޮށް ދިން ކާރު ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މިއަދު އިންޑިއާގެ ކަޝްމީރު ސަރަހައްދުގައި ހަމަލާ ދިނީ އިންޑިއާގެ ސިފައިންގެ ބަޔަކު ގޮވައިގެން ސްރީނަގަރަށް ދަތުރުކުރަމުން ދިޔަ ބަހަކަށެވެ. އިންޑިއާގެ ފުލުހުން ބުނި ގޮތުގައި އެ ހަމަލާ ދިނީ ގޮވާ ތަކެތި އަރުވާފައި ހުރި ކާރަކުން ގޮސް އެ ބަހުގައި ޖައްސައިގެންނެވެ.
މި ހަމަލާގައި އިންޑިއާގެ ސިފައިންގެ 40 އެއްހާ މީހުން ވަނީ މަރުވެފައެވެ.
މި ހަމަލާގެ ޒިންމާ، ޕާކިސްތާނަށް ނިސްބަތްވާ ޖަމާއަތެއް ކަމުގައިވާ ޖައިޝޭ މުހައްމަދުން ވަނީ ނަގާފައެވެ.
I strongly condemn the deadly terrorist attack in Kashmir today killing at least 40 people. We send our thoughts and prayers to those affected. The Maldives will continue to work with India and the international community to combat terrorism in our region and the world at large.
— Ibrahim Mohamed Solih (@ibusolih)February 14, 2019
މި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވަނީ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ އަބަދުވެސް އޮންނާނީ ހުރިހާ ގައުމަކާވެސް އެކުގައި ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށެވެ.
Strongly condemn the suicide terrorist attack on the convoy carrying Indian security forces in Jammu and Kashmir today. I extend my prayers and condolences to the bereaved families of the dead and injured.@MEAIndia
— Abdulla Shahid ???? (@abdulla_shahid)February 14, 2019
މި ހަމަލާއާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމަ ސުވަރާޖަށް މެސެޖެއް ފޮނުއްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ހަމަލާ ކުށްވެރިކުރައްވައި، ހަމްދަރުދީ ފާޅުކުރައްވާފައެވެ.
އަދި އިންޑިއާއާ އެހެނިހެން ގައުމުތަކާ ގުޅިގެން ޓެރަރިޒަމް ނައްތާލުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ޝާހިދު ދެއްވިއެވެ.
I strongly condemn the terror attack that has claimed the lives of atleast 34 Indian paramilitary soldiers. Terror cannot and should not be tolerated! We stand with our friends in India in this difficult time
— Mohamed Nasheed (@MohamedNasheed)February 14, 2019
މި ހަމަލާއަކީ ކަޝްމީރުގައި އިންޑިއާއާ ދެކޮޅަށް 1989 ވަނަ އަހަރު ފެށި ހަރަކާތްތަކުގެ ތެރެއިން، އިންޑިއާގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދީފައިވާ އެންމެ ބޮޑު ހަމަލާއެވެ.
މިހާރު އިންޑިއާގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މި ހަމަލާ ކުށްވެރިކުރައްވައި، ރާއްޖެ މި ހާލަތުގައި އޮތީ އިންޑިއާއާ އެކުގައި ކަމަށް ވިދާޅުވެފައެވެ. އަދި ޓެރަރިޒަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، އެކަން ބަލައިގަނެގެންވެސް ނުވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.