10 Oct 2011, 10:17
އެކި ބޭނުންތަކުގައި އިންޑިޔާ އަށްދާ ސްރީލަންކާ މީހުންނާއި ދިވެހިންނަށް ހާއްސަ ސަމާލުކަމެއްދީ، ފާރަވެރިވުމަށާއި އެ މީސްމީހުން ރަނގަޅަށް ބަލައި ފާސްކުރުމަށާއި އުޅޭ ނޫޅޭގޮތް ބެލުމަށް އިންޑިޔާގެ ސަލާމަތީ ބާރުތަކަށް އިންޑިޔާ ސަރުކާރުން އަންގާފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން މިއަދު ބުނެފި އެވެ.
އިންޑިޔާގެ އޮންލައިން ނޫހެއް ކަމަށްވާ "އައިބީއެން ލައިވް" ގައި ބުނެފައިވާ ގޮތުގައި ސްރީލަންކާ އާއި ދިވެހިރާއްޖެ އިން އެ ގައުމަށްދާ މީހުންގެ ކަންތައްތައް ބެލުމަށް އިންޑިޔާ ފުލުހުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އިންޑިޔާގެ ޖާސޫސީ އިދާރާގެ މަސްދަރުތަކާ ހަވާލާދީ އައިބީއެން ލައިވްގައި ބުނެފައިވާ ގޮތުގައި ލަންކާ މީހުންނާއި ދިވެހިންގެ ހަރަކާތްތައް ހުންނަ ގޮތް ގާތުން ބެލުމަށް އިންޑިޔާގެ ހުރިހާ ސްޓޭޓްތަކެއްގެ ފުލުހުންނަށް މިހާރު ވަނީ އިރުޝާދު ދީފަ އެވެ.
"ގައުމުގައި ޓެރަރިސްޓް ހަރަކާތްތައް އިތުރުވަމުން ދާތީ އެހެން ގައުމުތަކުން ހާއްސަކޮށް ދިވެހިރާއްޖެ އިން އަންނަ މީހުންގެ ހަރަކާތްތައް ކައިރިން ބެލުމަށް ފުލުހުންނަށާއި ސެކިއުރިޓީ ހިދުމަތްދޭ އެޖެންސީތަކަށް ވަނީ އިރުޝާދުދީފަ އެވެ." އައިބީއެން ލައިވްގައިވާ ހަބަރުގައިވެ އެވެ.
އެ ހަބަރުގައި އިތުރަށް ބުނެފައިވާ ގޮތުގައި މެދުއިރުމަތީގެ ގައުމުތަކުގައި ޓެރަރިސްޓް ހަރަކާތްތައް ހިންގުމަށް ދިވެހިން ރެކްރޫޓްކުރާ ކަމުގެ މައުލޫމާތު ވެސް އިންޑިޔާ އަށް ވަނީ ލިބިފަ އެވެ. އަދި ލަންކާގެ އެލްޓީޓީއީގެ މީހުން އިންޑިޔާގައި ތިބިކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ބުނެ އެވެ.
އަދި ލަންކާ އާއި ދިވެހިރާއްޖެ އިން އިންޑިއާ އަށް ދާ މީހުންގެ އަދަދާއި މީހުންގެ މައުލޫމާތުތައް ރަނގަޅަށް ބެލެހެއްޓުމަށް ކޮޗިން އާއި ޓްރިވެންޑްރަމްގެ އެއާޕޯޓް އޮފިޝަލުންނަށް އިރުޝާދުދީފައިވާ ކަމަށް ވެސް އެހަބަރުގައިވެ އެވެ.
ކޮޗިންގައި ދިވެހިން ގިނަވާތީ އެކަން އިންޑިޔާ ފުލުހުން ބަލަމުންދާ ކަމަށް އިންޑިޔާގެ ނޫހަކުން ކުރިން ވަނީ ހަބަރު ފަތުރާފަ އެވެ.