ގާނޫނީ ވަކީލު ހަމްޒާ ހަލީލް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފިއެވެ. ހަމްޒާ ވާދަކުރައްވަނީ ގަލޮޅު އުތުރު ދާއިރާ އަށެވެ.

މީގެ ކުރިން ކޮމަންވެލްތު ޔޫތު އެމްބެސެޑަރުކަންވެސް ކުރެއްވި ހަމްޒާ ވިދާޅުވީ މަޖިލީހުގައި އަމިއްލަ ގޮތުން ވާދަކުރައްވަނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭނީ އެއްވެސް ޕާޓީ އަކާ ނުގުޅި މަސައްކަތް ކޮށްގެންކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

"އަޅުގަނޑަކީ ކުޑައިރުންފެށިގެން އިޖުތިމާއީ އަދި ފަހުން ސިޔާސީ މަސައްކަތްވެސް ކުރި މީހެއް. 18 އަހަރުން ފެށިގެން ވޯޓު ލެވޭގޮތަށް ގާނޫނު އިސްލާހުކުރަން ޕެޓިޝަންވެސް ހުށަހެޅިން. އަޅުގަނޑު ގަބޫލު ކުރާގޮތުގައި މިއީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަން އެންމެއެކަށީގެންވާ ވަގުތު،" ހަމްޒާ މިރޭ ވިދާޅުވިއެވެ.

ހަމްޒާ ވަނީ އޭނާގެ މާލީ ބަޔާންވެސް މިހާރު އާންމު ކުރައްވައިފައެވެ. ހަމްޒާ ވިދާޅުވީ މަޖިލީހަށް އިންތިހާބުވެވަޑައިގެންފިނަމަ ތިން ކަމެއް ހުށަހަޅުއްވާނެ ކަމަށެވެ.

"މަޖިލިސް މެންބަރުންގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ ޕެޓިޝަނަކުން ހުށަހަޅައފިނަމަ ވޯޓު ނެގޭނެ ކަމަށާއި އިންތިހާބުގެ ކުރިންނާއި އިންތިހާބު ވުމަށްފަހު މެންބަރުންގެ މާލީ ބަޔާން އާންކު ކުރަން ޖެހޭނެ ކަމަށް މަޖިލީހަަށް ހުށަހަޅާނަން،" ހަމްޒާ ވިދާޅުވިއެވެ.

ހަމްޒާ ވާދަކުރައްވާނީ މިހާރުވެސް ގަލޮޅު އުތުރު ދާއިރާ ތަމްސީލު ކުރައްވާ އީވާ އަބްދުﷲ އާއެވެ. އީވާ އެދާއިރާ ތަމްސީލު ކުރައްވާތާ 10 އަހަރު ވާއިރު ކުރިއަށް އޮތް އިންތިހާބުގައި އީވާ ގަލޮޅު އުތުރަށް ވާދަކުރައްވަނީ ތިންވަނަ ދައުރަކަށެވެ.

ހަމްޒާ ވިދާޅުވީ އިންތިހާބަށް ހޮވި ވަޑައިގެންފިނަމަ ދާއިރާގެ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ދާއިރާ އޮފީހެއް ހުޅުވަން ނިންމާފައިވާ ކަމަށާއި ރައްޔިތުންނާއި މެންބަރާ ދެމެދު އޮންނަންޖެހޭ ގުޅުން ދަމަހައްޓަވާނެ ކަމަށެވެ.

މަޖިލީހަށް ވާދަކުރައްވަނީ އަމިއްލަ ގޮތުން ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ތެރޭ އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައި ނުގަންނަވާނެ ކަމަށް ހަމްޒާ ވިދާޅުވިއެވެ.