14 Feb 2019, 20:30
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ލިޔުންތައް އާދިއްތަ ދުވަހު އެމަނިކުފާނާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އާދިއްތަ ދުވަހު ކުރީގެ ރައީސް ޔާމީންއާ މައްސަލައިގެ ލިޔުންތައް ހަވާލު ކުރާނެ ކަމަށެވެ. ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ އިއްޔެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާގޮތުން ކޯޓަށް މައްސަލަ ހުށަހެޅޭތާ ފަސްދުވަހުގެ ތެރޭގައި މައްސަލައިގެ ލިޔުންތައް ދައުވާ ކުރާ ފަރާތާ ހަވާލުކުރަން ޖެހެއެވެ.
ފުލުހުން މިދިޔަ ހަފްތާ ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ފުލުހުން ހޯދި މައުލޫމާތާއި ހެއްކާއި ގަރީނާތަކުން، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމުގެ މައުލޫމާތު ލިބުމުން އެ މައްސަލަ ތަހުގީގުކުރި ކަމަށެވެ.
އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށާއި އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުކުރުމަށް ކުރީގެ ރައީސް ޔާމީނަށް ދެންނެވުމުންވެސް އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުނުކޮށް އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި އެ ފައިސާތައް ދައުރުކޮށް މުއާމަލާތުކޮށްގެން މާލީ މަންފާ ހޯދިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރައީސް ޔާމީންގެ އިތުރުން މިދިޔަ ހަފްތާ ބުދަ ދުވަހު ފުލުހުން ވަނީ މަނީ ލޯންޑާ ކުރުމުގައި އެމަނިކުފާނަށް އެހީތެރިވެ ބައިވެރިވުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ދައުވާ ރައީސް ޔާމީނުގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްދިނުމަށްވެސް އެދިފައެވެ.
އަޒިމާއަށް މިހާތަނަށް ދައުވާ ކުރަން ނިންމާފައިވާކަން އަދި މިހާތަނަށް ޕީޖީއިން ހާމައެއް ނުކުރެއެވެ.