10 Oct 2011, 10:12
ހަމްބަންޓޯޓޯގައި މިހާރު ކުރިއަށްދާ ފުރަތަމަ ސައުތު އޭޝިއަން ބީޗް ގޭމްސްގެ ވޮލީބޯޅަ އިވެންޓްގައި އިއްޔެ ރާއްޖެ ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗުން ރާއްޖެ ބަލިވިއިރު އަފްޣާނިސްތާން އަތުން ރާއްޖެ މޮޅުވެއްޖެއެވެ.
އަފްޣާނިސްތާނައި ދެކޮޅަށް ރާއްޖޭގެ ފުރަތަމަ ޕެއާ ކަމުގައިވާ އަޝްފާގް އާދަމްއާއި އިސްމާއިލް ސާޖިދު ކުޅުނު މެޗް ރާއްޖެ ކާމިޔާބުކޮށްފައިވަނީ 2-1 ސެޓުންނެވެ. މިމެޗްގެ ފުރަތަމަ ސެޓް 21 ޕޮއިންޓް 14 ޕޮއިންޓުން ރާއްޖެ ކާމިޔާބުކޮށްފައި ވަނިކޮށް އަފްޣާނިސްތާންއިންވަނީ 18 ޕޮއިންޓް 21 ޕޮއިންޓުން ކާމިޔާބުކޮށް މެޗް އެއްވަރުކޮށްފައެވެ. އެހެންނަމަވެސް މެޗްގެ ތިންވަނަ ސެޓް ރާއްޖެއިންވަނީ 15 ޕޮއިންޓް ނުވަ ޕޮއިންޓުން ކާމިޔާބުކޮށްފައެވެ.
އަންހެން އިވެންޓްގައި މިއަދު އިންޑިޔާއާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ރާއްޖެ ބަލިވެފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ. ރާއްޖޭގެ އައިޝަތު ނާޒިމާއާއި ޔުމްނާ ޢަބްދުލް ޢަޒީޒް ކުޅުނު މިމެޗްގެ ސެޓްތައް އިންޑިޔާއިން ގެންގޮސްފައިވަނީ 21-15، 16-21 އަދި 15-5ގެ ނަތީޖާއަކުންނެވެ.
ރާއްޖޭގެ ފިރިހެން ދެވަނަ ޕެއާ، ޝާމިލް އާދަމްއާއި މުހައްމަދު ނާފިޒް ސްރީ ލާންކާއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައިވަނީ ސީދާ ދެ ސެޓުންނެވެ. މިމެޗްގެ ފުރަތަމަ ސެޓް 21 ޕޮއިންޓް 9 ޕޮއިންޓުން ސްރީ ލަންކާއިން ގެންދިޔައިރު ދެވަނަ ސެޓް އެޓީމުން ގެންގޮސްފައިވަނީ 21 ޕޮއިންޓް 12 ޕޮއިންޓުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ރާއްޖޭގެ ޓީމުގެ މެނޭޖާ އިލްޔާސް އަހުމަދު ބުނެފައިވަނީ މިއަދުގެ ތިން މެޗްގައިވެސް ރާއްޖެއިން ނެރުނު ނަތީޖާއާއިމެދު ހިތްހަމަޖެހޭކަމަށެވެ.
"އަންހެން ޓީމުގެ ނަތީޖާއާއިމެދު ވަރަށް ހިތްހަމަޖެހޭ. އިންޑިޔާއާއި ދެކޮޅަށް ކުޅުނު މެޗްގައި ފެނުނު ކުޅުމަށް ބަލާފަ ވަރަށް ބޮޑު އެޑްވާންޓޭޖެއް އެބައޮތް މެޑަލްއެއް ހޯދުމަށް،" އޭނާ ބުންޏެވެ. "ދެވަނަ ޕެއަރގައި ނާފިޒް ދެއްކި ކުޅުން ވަރަށް ރަގަޅު. ހީކުރި ގޮތާއި ޚިލާފަށް އޭނާވަނީ ވަރަށް ރަގަޅު ކުޅުމެއް ދައްކާފަ. ދެން ކުޑަ ކާއްޓޭއާއި އައްކަޅޭ ކުޅުނު މެޗްގައި އުންމީދު ކުރި ގޮތަކަށް ނޫން ދިޔައީ. އުންމީދު ކުރީ ސީދާ ދެ ސެޓުން މޮޅުވާނެކަމަށް. އެހެންނަމަވެސް މެޗުން މޮޅުވީމަ ހިތްހަމަޖެހޭ."