14 Feb 2019, 18:05
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ރިޕޯޓު މިއަދު ނެރުނު ނަމަވެސް، މާދަމާ ބާއްވަން ނިންމާފައި އޮތް ކޮރަޕްޝަނާ ދެކޮޅު މުޒާހަރާ ބާއްވާނެކަމަށް އެ މުޒާހަރާ އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.
އެ މުޒާހަރާ އިންތިޒާމުކުރަނީ ބަންޑާރަ ނައިބު އޮފީހުގައި މީގެ ކުރިން މަސައްކަތްކުރެއްވި ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާއެވެ. މިފަދަ މުޒާހަރާއެއް ބާއްވާނެކަން ޝުނާނާ އިއުލާނުކުރެއްވީ މިދިޔަ ހަފްތާގައެވެ.
މުޒާހަރާއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ޝުނާނާ ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލާ މި މުޒާހަރާ ފުރަތަމަ އިއުލާން ކުރެއްވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފާއިސާ ޖަމާވި އެކައުންޓްތައް ހާމަކުރުމަށާއި ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ތެރެއިން މާލީ ބަޔާން ހާމަނުކުރާ މެމްބަރުންގެ މަލީ ބަޔާން ހާމަ ކުރުމަށް ގޮވާލަން ކަމަށެވެ.
އޭސީސީ އިން އެކައުންޓްތައް މިއަދު ހާމަ ކުރި ނަމަވެސް މާދަމާ މުޒާހަރާ ކުރިއަށްދާނެ ކަަމަށާއި މާދަމާ މުޒާހަރާ ކުރިއަށް ދާނީ ކޮރަޕްޝަނަށް ރައްޔިތުން ހޭލުންތެރިކޮށް، ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލުމަށް ކަމަށް ޝުނާނާ ވިދާޅުވިއެވެ.
"މި ޕްރޮޓެސްޓް މާދަމާ ކުރިއަށް ދާނެ. މި ޕްރޮޓެސްޓް ކުރިއަށް ދާނީ ކޮރަޕްޝަނަށް [ރައްޔިތުން] އެވެއާ ކުރުމަށާއި ކޮރަޕްޝަނާ ދެކޮޅަށް މީހުން ހިތްވަރުލައި ދިނުމަށް،" ޝުނާނާ ވިދާޅުވިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް މާދަމާ ބާއްވާ މުޒާޙަރާއާ ގުޅޭ ގޮތުން ޝޫނާނާ ބޭއްވު ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ
ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ މުއައްސަސާއަކީ އެސީސީ ކަމަށްވާ އިރު، ފާއިތުވީ ފަސް އަހަރު ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަން ފުޅާވެފައިވަނީ އޭސީސީގެ މެމްބަރުން އެމެމްބަރުންގެ މަސްއޫލިއްޔަތު އަދާ ނުކުރުމުން ކަމަށް ޝުނާނާ ވިދާޅުވިއެވެ.
"ބަޔަކު އަޑު އުފުލާ، ހަޅޭލަވައި ކަންތައްތައް ކުރީމައެއް ނޫން ކޮރަޕްޝަން ހާމަ ކުރަންވީ. އޭގެ އޮންނާނެ ޒިންމާއެއް. އެކަމުގެ ޒިންމާ ބޮޑުވާ މުއައްސަސާއަކީ އޭސީސީ،" ޝުނާނާ ވިދާޅުވިއެވެ.
"ކޮރަޕްޝަންގެ އަމަލުތައް ގިނަވެން ދަނީ، ފިޔަވަޅު އަޅަން ޖެހޭ މުއަސަސާތަކަށް ފިޔަވަޅު އަޅާފައި ނުވާތީ. މުޒާހަރާގެ މެއިން ފޯކަސް އަކީ، އޭސީސީގެ މެމްބަރުންނާމެދު ފިޔަވަޅު އެޅުމަށް މަޖިލީހަށް ގޮވާލުން. ދެވަނަ ކަމަކީ ކޮރަޕްޝަނާ ގުޅިގެން ރައްޔިތުން ހޭލުންތެރި ކުރުވުން،"
އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގެ މިހާތަނަށް އެންމެ ބޮޑު ހިޔާނާތްކަން ފާހަގަކުރައްވައި ޝުނާނާ ވިދާޅުވީ، އެ މައްސަލައިގައި އޭސީސީން އެކަށީގެންވާ ފިޔަވަޅެއް މިހާތަނަށް އެޅިފައި ނެތުމުން، އޭސިސީގެ ޒިންމާ އަދާނުކުރުމުން ރައްޔިތުންގެ މަޖިލީހުން އެމެމްބަރުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
ޝުނާނާ ވިދާޅުވީ މާދަމާގެ ސުލްހަވެރި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ، ކާނިވާ ސަރަހައްދުން ހަވީރު 4:00 ގައި ކަމަށެވެ. އަދި މަޖީދީމަގުން ހިނގާމުން އައިސް މުޒާހާރާ ނިންމާލާނީ ސޯޝަލް ސެންޓަރާ ހަމައަށް ކަމަށެވެ.