14 Feb 2019, 17:01
ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށްފަހު ގޯހެއް ހެދިފައިވާކަން ސާބިތުވެއްޖެނަމަ އިސްތިއުފާ ދެއްވާނެކަމަށް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސިގެ ހިޔާނާތުގެ ރިޕޯޓު އެންޓިކޮރަޕްޝަން ކޮމިޝަނުން މިއަދު އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައިވާގޮތުން މިނިސްޓަރު މަހުލޫފުގެ އެކައުންޓަށް އެސްއޯއެފް ގެ އެކައުންޓުން ވަނީ ފައިސާ ޖަމާކޮށްފައެވެ.
އެކަން ދިފާއުކުރައްވައި މަހުލޫފު މިއަދު ވިދާޅުވެފައިވަނީ އެސްއޯއެފްގެ އެކައުންޓުން މަހުލޫފުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ އޭނާގެ އާއިލާގެ ބޭފުޅަކު ހިންގި ފިހާރައަކަށް ޑޮލަރު ގަންނަން ކޮށްފައިވާ މުއާމަލާތެއް ކަމަށެވެ. އަދި އެ މުއާމަލާތް މަހުލޫފުގެ އެކައުންޓު މެދުވެރިކޮށް ކޮށްފައިވަނީ އޭނާގެ ކޮއްކޮ (ވިޔަފާރި ކުރި ފަރާތުގެ) ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށްވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ.
މަހުލޫފު މިއަދު އާންމު ކުރެއްވި ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ އެސްއޯއެފްގެ އެކައުންޓުން މުއާމަލާތް ކުރި އެކައުންޓުތަކުގެ ތެރޭގައި މަހުލޫފުގެ އެކައުންޓު ހިމެނޭކަމުގެ މައުލޫމާތު ލިބިލެއްވުމުން ކަން ހިނގައިދިޔަ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި މަހުލޫފާ އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށްވެސް މަހުލޫފު ވިދާޅުވެފައި ވެއެވެ.
• Alhuganduge accountah jamaakoffaivaa $33000 aai gulhey gothun alhuganduge bayaan.
•Viyafaari koffaivaa receipt.
•ACC ah alhugandu fonuvi sitee adhi ACC inn alhugandah dhevvaafaivaa javaabu.
Vahkameh koffa noanaane adhi massala belumahfahu goaheh ulheynama isthiufaa dheynan.pic.twitter.com/WvAFAT7ge2— Ahmed Mahloof (@AhmedMahloof)February 14, 2019
އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާވި ހުރިހާ ފަރާތްތަކަކީ ވަގުން ކަމަށް މުޖުތަމައުގައި ލޭބަލްކޮށްފައިވާއިރު، "މީގެ ތެރޭގައި ހިމެނޭ ސައްހަ މުއާމަލާތްކޮށްފައިވާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭގޮތަށް ކަށަވަރުކޮށްދިނުމުގެ ގޮތުން އޭސީސީއިން އެ މައުލޫމާތުތައް ރައްޔިތުންނަށް ވީހާވެސް ބޮޑަށް ސާފުކޮށްދިނުމަށް" މަހުލޫފު ވަނީ އެދިވަޑައިގެންފައެވެ.