14 Feb 2019, 16:33
މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދޫކުރި 57 ރަށާއި ފަޅަކަށް އެ ކޯޕަރޭޝަނަށް 77.4 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެ ކޯޕަރޭޝަނަށް ލިބިފައި ވަނީ 12 މިލިއަން ޑޮލަރު ކަން އޭސީސީގެ ރިޕޯޓުން އެނގިއްޖެ އެވެ.
އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ފައިސާ ޖަމާކޮށްފައި ވަނީ އެސްއޯއެފް އެކައުންޓަށެވެ. އެގޮތުން އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފްގެ އެކައުންޓަށް ވަނީ 64.8 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ 77.4 މިލިއަން ޑޮލަރު ފައިސާ ދައުރުވިގޮތް
- އެސްއޯއެފް ޕްރައިވެޓް ލިމިޓެޑަށް - 64.8 މިލިއަން ޑޮލަރު
- މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑް - 6.5 މިލިއަން ޑޮލަރު
- އަބްދުﷲ އާސިމް - 0.4 މިލިއަން ޑޮލަރު
- އެމްޔޫ ސްޓޯ - 0.1 މިލިއަން ޑޮލަރު
ރަށާއި ފަޅުގެ އެކިއުޒިޝަން ފީގެ ގޮތުގައި ފައިސާ ޖަމާކުރަން ޗެކުން ޖަމާ ކުރާނަމަ ބައެއް ޗެކުގެ ނުފުށުގައި "ޑިޕޮސިޓް ޓު އެސްއޯއެފް" އެހެން ޖެހުމަށް ފަހު އެސްއޯއެފްގެ އެކައުންޓް ނަމްބަރު ޖަހާފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެ ފައިސާ ލިބުނު ކަމަށް އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތު ސޮއިކޮށް ތައްގަނޑު ޖަހާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެސްއޯއެފްގެ އެކައުންޓަށް ޑޮލަރުގެ އިތުރުން ދިވެހި ރުފިޔާގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފަިއވާކަން އޭސީސީގެ ރިޕޯޓުން ހާމަވެ އެވެ. އެގޮތުން އެސްއޯއެފްގެ ދިވެހި ރުފިޔާގެ ދެ އެކައުންޓަކަށް ޖުމްލަ 127 މިލިއަން ދިވެހި ރުފިޔާ ޖަމާކޮށްފައިވާކަން އެނގެ އެވެ. އެހުރިހާ ފައިސާ އަކީ ވެސް އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން އެމްއެމްޕީއާރުސީ އިން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ފައިސާ މިލޭނިއަމް ކެޕިޓަލް މެނޭޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ. އެއީ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
ރަށްތަކާއި ފަޅުތަކުގެ ގޮތުގައި ދޫކުރި ބައެއް ތަންތަނަށް ލިބުނު ފައިސާ އެެއްވެސް އެކައުންޓަކަށް ޖަމާކޮށްފައި ނުވާ ކަމަށް އޭސީސީގެ ރިޕޯޓުން ދައްކަ އެވެ. އެގޮތުން މާލެ އަތޮޅުން ގ. ރަންގިރިގޭ މުހައްމަދު ވާފިރަށް ދޫކޮށްފައިވާ ފަޅަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެއްވެސް އެކައުންޓަކަށް ޖަމާވެފައިނުވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ހަ ފަޅަކަށް ހަތް މިލިއަން ދެ ލައްކަ ޑޮލަރު ނުލިބޭކަން އޭސީގެ ރިޕޯޓުން އެނގެ އެވެ.
ފައިސާ ދައުރުވި އެކައުންޓްތަކަށް ބަލާއިރު ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތައް ހިމެނެ އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ހައްޔަރުކޮށް ހުކުމް ކޮށްފައިވަނީ އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްއެމްޕީއާރުސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތު އާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްސަލަ މިހާރު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.