10 Oct 2011, 10:05
ސްރީލަންކާގެ ހަމްބަންޓޯޓޯގައި މިހާރު ކުރިއަށްދާ ފުރަތަމަ ސައުތު އޭޝިއަން ބީޗް ގޭމްސްގެ އަންހެނުންގެ ބާސްކެޓްބޯޅަ އިވެންޓްގައި އިއްޔެ ސްރީލަންކާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ މޮޅުވި ނަމަވެސް އިންޑިޔާ އަތުން ބަލިވެއްޖެ އެވެ.
ރާއްޖޭގެ ޓީމު އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި މުބާރާތް ބާއްވާ ސްރީލަންކާ އާއި ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށްފައި ވަނީ 13 ޕޮއިންޓް 11 ޕޮއިންޓުންނެވެ.
މެޗްގެ ނަތީޖާ ހަމަހަމަވެފައިވަނިކޮށް ވަގުތު ހަމަވުމުގެ ކުރިން ރާއްޖޭގެ ހައުމާ ވަނީ ދެ ޕޮއިންޓް ހޯދާ މިމެޗުން ލަންކާގެ މައްޗަށް ކުރި ހޯދައިދީފަ އެވެ. މިމެޗަށްފަހު ދެން އިންޑިޔާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވެފައިވަނީ 21 ޕޮއިންޓް ތިން ޕޮއިންޓުންނެވެ.
މެޗަށްފަހު ރާއްޖޭގެ ޓީމުގެ ކޯޗް ޝިޒްނާ ރަޝީދު ބުނެފައިވަނީ މުބާރާތަށް ދިޔައިރު ވެސް ލަންކާއާ ވާދަ ކުރެވޭނެކަން އެނގޭ ކަމަށެވެ. އަދި އެމެޗްގައި ރަނގަޅު ނަތީޖާއެއް ހޯދިއްޖެނަމަ މުބާރާތުގެ ގޯލްޑް މެޑަލަށް ވާދަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"ލަންކާއާއި ފައިޓް ކުރެވޭނެކަން އިނގޭ. އެހެންކަމުން އެ މެޗަށް އެރީ ހުރިހާ ކުޅުންތެރިން ވެސް މެކްސިމަމް ދީގެން މެޗް ކާމިޔާބުކުރުމަށް،" ޝިޒްނާ ބުންޏެވެ."އިންޑިޔާއަކީ ވަރަށް ވަރުގަދަ ޓީމެއް އެމީހުންގެ ފެންވަރު ތަފާތުވާނެކަން އިނގޭ ކުރިންވެސް. އެހެންކަމުން އެމެޗުން މޮޅުވާނެކަމަކަށް ޤަބޫލެއް ނުކުރަން. ފަދުވާއަށް މިމެޗްގެ ތެރޭގައި އިންޖަރީ ވުމުގެ ސަބަބުންވެސް ޓީމަށް އޭގެ އަސަރު ކުރި. އޭނާއަށް މާދަމާ މެޗްގައިވެސް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް އަދި ނެތް،"
އޭނާ އިތުރަށް ބުނެފައިވަނީ މިއަދު ނޭޕާލްއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ގޯލްޑް މެޑަލްއަށް ފައިޓް ކުރުމުގެ ފުރުސަތު ލިބޭނެކަމަށާއި އެހެންކަމުން މާދަމާ ނިކުންނާނީ ސީދާ މެޗް ކާމިޔާބުކުރުމަށްކަމަށެވެ.
"އެމެޗް ކާމިޔާބުކޮށްފިނަމަ ގޯލްޑަކަށް ފައިޓް ކުރުމުގެ ފުރުސަތު ލިބޭނެ. އެހެން ނޫނަސް މެޗް ކާމިޔާބުކުރުމާއެކު ސިލްވަރ މެޑަލްއެއް ޔަގީންވާނެ. އެހެންކަމުން މާދަމާ ނިކުންނާނީ ސީދާ މެޗް ކާމިޔާބުކުރުމަށް." ޝިޒްނާ ބުންޏެވެ.
ނޭޕާލްއާއި ދެކޮޅަށް ރާއްޖެ ނިކުންނާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 3:30 ގައެވެ.