މޯލްޑިވަސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނޫސްވެރިކަމުގެ އިނާމަށް އެދި ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިއަދު އެމްއެމްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ނޫސްވެރިކަމުގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

  1. އިޖުތިމާއީ ދާއިރާ

  2. ސިޔާސީ ދާއިރާ
  3. ޝަރުއީ އަދި ގާނޫނީ ދާއިރާ
  4. ވިޔަފާރީއާ އިގްތިސޯދުގެ ދާއިރާ
  5. ކުޅިވަރުގެ ދާއިރާ
  6. ފޮޓޯ ގްރަފީ ދާއިރާ
  7. ވީޑިއޯ ގްރަފީ ދާއިރާ
  8. ފީޗާރ ދާއިރާ
  9. އެންމެ އުންމީދީ ނޫސްވެރިޔާ

މި އަހަރުގެ އޮގަސްޓް 29 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާ މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މާޗް މަހުގެ 14 ވަނަ ދުވަހު އެވެ.

ނޫސްވެރިކަމުގެ އިނާމްއާ ގުޅޭ ގޮތުން މީޑިއާ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެހެން އަހަރުތަކާ ހިލާފަށް އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު ފިޔަވައި މިއަހަރު ނޫސްވެރިކަމުގެ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ ޕްރިންޓް، އޮންލައިން އަދި ޓީވީ، ރޭޑިއޯ ކެޓަގަރީ ވަކިން ކަމަށް އެމްއެމްސީގެ މެންބަރު އަހްމަދު ޖަދުވާން ވިދާޅުވި އެވެ.

"މީގެ ކުރިން އެންމެ ބޮޑު ޝަކުވާއަކަށް އައިސްފައި އޮތީ މީޑިއާ ކައުންސިލުން އިނާމް ދިނުމުގައި އެއް ފަރާތަކަށް ބުރަވެފައި އޮންނަ ކަމުގެ ޝަކުވާ ނޫސްވެރިންގެ ފަރާތުން. ހާއްސަކޮށް ބްރޯޑްކާސްޓިން މީޑިއާގެ އުޅޭ ފަރާތްތައް ބާކީ ކުރެވިފައިވާ ކަމުގެ ޝަކުވާ އެ ބޭފުޅުންގެ ފަރާތުން އައި،" ޖަދުވާން ވިދާޅުވި އެވެ.

އެހެން އަހަރުތަކާ ހިލާފަށް ގިނަ ނޫސްވެރިންތަކަކަށް އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ނޫސްވެރިއަކަށް ވެސް ކުރިމަތިލެވޭނީ އެއް ދާއިރާއަށް ކަން ޖަދުވާން ފާހަގަކުރެއްވި އެވެ.

"ދެ އިނާމް ނުވަތަ ތިން ހަތަރު ފަސް އިނާމް އެއް ބޭފުޅަކަށް ލިބުމުގެ ފުރުސަތެއް މިއަހަރަކު ނޯންނާނެ. އެއީ ވީހާވެސް ގިނަ ބޭފުޅުންނަށް ފުރުސަތު ދިނުމަށްޓަކައި އެކަން ކުރީ،" ޖަދުވާން ވިދާޅުވި އެވެ.