14 Feb 2019, 15:50
ރާއްޖޭގައި ހިލޭ ކިޔެވެން ފެށިގެން ދިއުމަކީ ތައުލީމީ ޒުވާނުން ބިނާކުރުމުގެ އާފެށުމެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ހިލޭ ޑިގްރީއަށް ފެށުން އިފްތިތާހް ކުރުމަށް މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވި މިއަދު ރާއްޖޭގެ ހުރިހާ ޒުވާނުންވެސް މަސައްކަތް ކުރަންވީ، ސަރުކާރުން މިއަދު ފަހިކޮށްދިން ތަނަވަސް ފުރުސަތުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފައި، އުފެއްދުންތެރި އިލްމީ ބަޔަކަށްވުމަށް ކަމަށެވެ.
މި ފުރުސަތުގެ ސަބަބުން މަތީ ތަޢުލީމު ހާސިލުކުރާ ޒުވާނުން އިތުރުވެ، ރާއްޖޭގެ އިގްތިޞާދަށް ބޭނުންވާ ތަޢުލީމީ ގާބިލު ޒުވާނުންތަކެއް ބިނާކުރެވިގެންދާނެކަން ޔަގީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހިލޭ ޑިގްރީއަށް ފެށުން އިފްތިތާހް ކުރުމަށް މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
"މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އިލްމު އުނގަންނައިދިނުމަށް ހާއްސަ އިސްކަމެއް ދީފައިވަނީ، އަޅުގަނޑުމެން ކަނޑައަޅާފައިވާ ވަރަށް މުހިއްމު ލަނޑުދަނޑިއެއް ހާސިލު ކުރުމަށްޓަކައި. އެއީ ދިވެހި ޒުވާނުންނަކީ ރަނގަޅު ތައުލީމާއި ތަމްރީނު ލިބިގެން ޒިންމާދާރުކަމާއެކު، އެމީހުންގެ ދިރިއުޅުން އަމިއްލައަށް ބައްޓަންކުރާ ގަދަރުވެރި ބަޔަކަށް ހެދުމަށް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު ހުޅުވާލި ފުރުސަތަަކީ ތައުލީމީ ޒުވާނުން ބިނާކުރުމުގެ އާ ފެށުމެއް ކަމަށެވެ. އަދިސަރުކާރުގެ އަމާޒަކީ، މާލީގޮތުން ތަކުލީފެއް އުފުލަން ނުޖެހި، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތައުލީމު ހޯދޭނެ މަގު ތަނަވަސްކޮށްދިނުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހިލޭ ޑިގްރީއަށް ފެށުން އިފްތިތާހް ކުރުމަށް މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
ރައީސް އިތުރަށް ވިދާޅުވީ މުސްތަގްބަލުގައި ދައުލަތުގެ މާލީ ތަނަވަސްކަމާއެކު، މި ސިޔާސަތު އިތުރަށް ފުޅާކުރަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.