ރާއްޖޭގެ ސަރުކާރުގެ ޔުނިވާސިޓީތަކުގައި ހިލޭ ކިޔެވުމުގެ ފުރުސަތު މިއަދު ހުޅުވާލުމާއެކު، ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވުމުގެ ފުރުސަތު ހިލޭ ދަރިވަރުންނަށް ދީފިއެވެ.

ގައުމީ ޔުނިވާސިޓީގައި އެމްބީބީއެސްއަށް ކިޔަވައިދޭން މިދިޔަ އަހަރު ފެށިއިރު ކޮންމެ ކުއްޖެއްގެ އަތުން މަހަކު 1000 ޑޮލަރަށްވާ ފައިސާ ދިޔައީ ނަގަމުންނެވެ. ނަމަވެސް ފަހުން އެ ފީގެ އަދަދު 800 ޑޮލަރަށް ކުޑަކުރިއެވެ. މެޑިސިން ކިޔެވުމަށް ބައެއް ދަރިވަރުން ނަށް އޭރު ހަޔާ އެޑިއުކޭޝަނުން ލޯނުގެ ފުރުސަތު ހުޅުވާލިއެވެ.

މެޑިކަލް ސްކޫލަށް އެހާ ބޮޑު އަދަދަކަށް ދަރިވަރުންގެ އަތުން ފައިސާ ނެގުމުން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވިއެެވެ. އެހެން ނަަމަވެސް ގައުމީ ޔުނިވާސިޓީން އޭރު ބުނީ އެ އަގުތައް ހަމަޖެއްސީ މި ސަރަހައްދުގެ އެހެން ގައުމުތަކުގައި މެޑިސިން ކިޔަވައިދޭ ރޭޓްތަކަށް ބެލުމަށްފަހުގައި ކަމަށެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންް ވިދާޅުވީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލުން ލަސްވެގެން ދިޔައީ ސަަރުކާރުގެ މާލީ ހާލަތު ހުރިގޮތުގެ ސަބަބުން ކަމަށާއި އަދި މިއަހަރު ކޯސްފީ ދައްކަވައިފައިވާ ފަރާތްތަކަށް ބަދަލުދިނުމަށްވެސް މިހާރު ނިންމަވައިވާ ކަމަށެވެ.

އެހެން ނަމަވެސް މެޑިކަލް ސްކޫލަށް ފައިސާ ދެއްކީ މިދިޔަ އަހަރުކަމަށްވާތީވެ އެ ދަރިވަރުންނަށް ބަދަލެއް ނުލިބޭނެކަމަށް ގައުމީ ޔުނިވާސިޓީން ބުންޏެވެ.

ގައުމީ ޔުނިވާސިޓީން ބުނީ މެޑިސިންގެ ދެވަނަ ބެޗް މިހާރު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މެޑިސިން ކިޔަވައިދިުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ބައެއް ފަންގިފިލާތައްވެސް ވަނީ ހާއްސަކޮށްފައެވެ. ނަމަވެސް އެ ހޮސްޕިޓަލް ހުޅުވުން ލަސްވެފައިވާތީވެ އެތަނުގައި އަދި ކިޔަވައެއް ނުދެއެވެ.