14 Feb 2019, 14:26
ރާއްޖޭގައި މީގެ ކުރިން ބޭއްވި ބައެއް މުނިފޫހިފިލުވުމުގެ ޝޯތަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ހަރަދުކޮށްފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގީ ރިޕޯޓުން ހާމަވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި 2015 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގެ ނަމުގައި ބޮޑު މިއުޒިކް ޝޯއެއް މާލޭގައި ބޭއްވިއެވެ. އަދި އޭގެ އިތުރުން 2015 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބައެއް ފަންނާނުން ރާއްޖެ ގެނެސް މިއުޒިކް ޝޯ ބާއްވާފައިވެއެވެ.
އޭކޮން ގެނެސްގެން ބޭއްވި ޝޯއަށް ދެލައްކަ ޑޮލަރު!
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކޮން ރާއްޖެ ގެނެސްގެން ޝޯއެއް 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު މާލޭގައި ބެއްވިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު އާންމުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން، އޭކޮން ރާއްޖެ ގެނެސްގެން ބޭއްވި ޝޯގެ ކަންތައް އޯގަނައިޒްކުރުމަށް އިންފިނިޓީ ޕްރޮޖެކްޓްސް ކްރިއޭޝަން ލިމިޓެޑް ކިޔާ ކުންފުންޏަކަށް ޖުމްލަ 80،488.30 ޑޮލަރު، އެސްއޯއެފް މެދުވެރިކޮށް ދޫކޮށްފައިވެއެވެ.
އޭގެ އިތުރުން އެ ކުންފުނީގެ މީހެއް ކަމުގައިވާ ޗެތިކަ ކަރުނަރަތުނައަށް 130،867.30 ޑޮލަރު، އެސްއޯއެފް މެދުވެރިކޮށް ދޫކޮށްފައިވެއެވެ.
އޭކޮން ރާއްޖެ އައިސް ބޭއްވި ޝޯއަށް އިންޑިއާގެ ފިލްމީ ތަރި އަދި ލަވަކިޔުންތެރިޔާ ޕްރިޔަންކާ ޗޯޕްރާވެސް ރާއްޖެ އައެވެ. ނަމަވެސް އޭނާ ގެނައުމަށް ކުރި ހަރަދުކުރި ކަމުގެ މައުލޫމާތެއް ރިޕޯޓުގައި ފަހަގަކޮށްފައެއް ނުވެއެވެ.
އޭކޮން ޝޯ ދިނުމަށް ރާއްޖެ އައުމުގެ ދުވަސްކޮޅެއް ކުރިން، އެމެރިކާގެ މާކެޓިންގް ކުންފުންޏެއް ކަމުގައިވާ އެމްޕަވާ މީޑިއާ ގްރޫޕަށް 654،608 ޑޮލަރު، އެސްއޯއެފްގެ އެކައުންޓުން ފޮނުވާފައިވެއެވެ. އެހެން ނަމަވެސް މިއީ އެކަމާ ގުޅުންހުރި ފައިސާއެއް ކަމެއް ނުވަތަ ނޫންކަމެއް ތަހުގީގީ ރިޕޯޓުން ސާފެއް ނުވެއެވެ.
ޝޯން ޕޯލް ރާއްޖެ ގެނައުމަށް ހަރަދުކުރި
ދެހާސް ފަނަރަވަނަ އަހަރު ފެށުމުގެ ގޮތުން ބާއްވާ މިއުޒިކް ޝޯއަށް ޖެމެއިކާއަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ރެޕަރު ޝޯން ޕޯލް ރާއްޖެ ގެނައުމަށް މަސައްކަތް ކުރިއެވެ.
ނަމަވެސް އޭނާގެ ޝޯއާ ދިމާކޮށް، އޭނާއަށް ް ރާއްޖޭގައި އާންމުކުރިއެވެ. އެ ވީޑިއޯ ނެރުނު ފަހުން ޝޯން ޕޯލް ވަނީ އެ ޝޯގައި އޭނާގެ ބައިވެރިވުން ކެންސަލްކޮށްފައެވެ.
ޝޯން ޕޯލްގެ ބައިވެރިވުން ކެންސަލްކުރި އިރު، އެ ޝޯގައި ޕަފޯމްކުރީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިން ސާލިމް މަރްޗަންޓް، ސުލައިމާން މަރްޗަންޓް، އަދި ޔޫޓިބުއުން އާންމުންގެ މަގުބޫލުކަމެއް ހޯދި ލަވަކިޔުންތެރިޔާ ޖޮނީޓާ ގާންދީއެވެ.
އޭސީސީގެ ރިޕޯޓުގައި ބުނީ ޝޯން ޕޯލް ރާއްޖެ ގެނައުމަށްޓަކައި ދަތުރު ހަރަދުގެ ގޮތުގައި، ބޭންކް އޮފް ސިލޯނުގައި ހުންނަ އެސްއޯއެފްގެ އެކައުންޓަކުން "ޓީޒެލް ޓްރެވަލް އެލްއެލްސީ" ކިޔާ ކުންފުންޏަކަށް 130،064.79 ޑޮލަރު، 2014 ޑިސެމްބަރު ނުވަ ވަނަ ދުވަހު ފޮނުވާފައިވެއެވެ.
އަދި ޝޯން ޕޯލް ގެނައުމަށް ޖެމެއިކާގެ ހެޑްލައިން އެންޓަޓެއިންމެންޓް ލިމިޓެޑަށް 22 ޑިސެމްބަރު 2014 ވަނަ ދުވަހު 89،114.22 ޑޮލަރުވެސް ވަނީ ފޮނުވާފައެވެ.
އެހެންކަމުން ޝޯން ޕޯލް ރާއްޖެ ގެނައުމުގެ ކަންކަމުގައި ޖުމްލަ 219،179.01 ޑޮލަރު ދެ ކުންފުންޏަކަށް ދީފައިވާކަމަށް ތަހުގީގީ ރިޕޯޓުގައި ދައްކައެވެ. މިއީ ގާތްގަނޑަކަށް 3.4 މިލިޔަން ރުފިޔާއެވެ.
ސަނަމްގެ އައްޑޫ ޝޯއަށް ހަރަދުކުރި!
ޔޫޓިއުބުގައި ކަވަރ ލަވަތަކުން މަގުބޫލުކަން ހޯދި އިންޑިއާގެ ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ ހިމެނޭ "ސަނަމް" ބޭންޑު ވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މާލޭގައި ބޭއްވި މިއުޒިކް ޝޯގައި ޕަފޯމްކުރިއެވެ.
އޭގެ ފަހުން ހަމަ އެ އަހަރުގެ އޮކްޓޫބަރު މަހު ސަނަމް ބޭންޑުން ވަނީ އަލުން ރާއްޖެ އައިސް، އައްޑޫ ސިޓީގައިވެސް ޝޯ ދީފައެވެ. އަދި އެ ދަތުރުގައި ސަނަމް ބޭންޑުން ވަނީ އައްޑޫ ސިޓީގައި ދެ ލަވައެއްގެ ވީޑިއޯވެސް ރިކޯޑުކޮށްފައެވެ.
އޭސީސީން އާންމުކުރި އެމްއެމްޕީއާރުސީގެ ތަހުގީގީ ރިޕޯޓުގައި ވާ ގޮތުން އޮކްޓޫބަރު މަހު ސަނަމް ބެންޑު ރާއްޖެ އައުމަށް ހަރަދުކޮށްފައި ވާކަމަށް ބެލެވެނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިންނެވެ.
އެ ރިޕޯޓުގައި ވާ ގޮތުން، އެސްއޯއެފްގެ އެކައުންޓުން 2015 އޮކްޓޫބަރު ފަސްވަނަ ދުވަހު ވަނީ އަހްމަދު އިޝްފާހު އަލީ ކިޔާ މީހެއްގެ އެކައުންޓަށް 50،380 ޑޮލަރު ފޮނުވާފައި ކަމަށެވެ.
އިޝްފާހުއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި، ޓެރަރިޒަމާއި މަނީ ލޯންޑަރިންގްގެ ތުހުމަތުގައި ހޯދުމަށް އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފައިވާ މީހުންގެ ތެރެއިން މީހެކެވެ.
ރިޕޯޓުގައި ބުނެފައިވަނީ އިސްފާހުގެ އެކައުންޓުން 50،000 ޑޮލަރު، އިންޑިއާގެ ކުރިއަން އެންޑް ކޯ ކިޔާ ކުންފުންޏަކަށް ފޮނުވި ކަމަށެވެ. ކުރިއަން އެންޑް ކޯއަކީ އިންޑިއާގެ މިއުޒިކް ފަންނާނުންނަށް ހާއްސަކޮށްގެން ހިންގާ ޓެލެންޓް މެނޭޖްމަންޓް ކުންފުންޏެކެވެ.
އަދި ސަނަމް ބޭންޑަކީ މި ކުންފުނީގެ ކްލަޔަންޓެއް ކަމަށްވެސް އޭސީސީގެ ތަހުގީގީ ރިޕޯޓުގައި ވެއެވެ.
"2015 ވަނަ އަހަރުގެ އޮގަސްޓް މަސް ތެރޭގައި އެ ކުންފުނީގެ ކްލައެންޓް ސަނަމް ޕޫރި އައްޑޫ ސިޓީގައި ޝޯއެއް ދީފައިވެއެވެ. އެހެންކަމުން މި ފައިސާއަކީ މި ޝޯއާ ގުޅިގެން ދައްކާފައިވާ ފައިދާއެއް ކަމަށް ގަބޫލްކުރެވެއެވެ،" އޭސީސީގެ ރިޕޯޓުގައި ވެއެވެ.