14 Feb 2019, 11:24
ސަރުކާރުގެ ދެ ޔުނިވާސިޓީގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެގޮތް ހަދައި އަދި ޕްރައިވެޓް ކޮލެޖުތަކުގެ ޑީގްރީގެ ކޯސްފީގެ ބޮޑުބައެއް ދައްކައިދޭގޮތަށް ނިންމައިފިއެވެ.
ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމ ހަސަންް ވިދާޅުވީ ރާއްޖޭގެ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީން ކިޔަވާ ކޯސްތަކުން ހިލޭ ކިޔެވުމުގެ ފުރުސަތު މިހާރު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ޕްރައިވެޓް ކޮލެޖުތަކުންވެސް ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ކޯސްތަކުގެވެސް ބޮޑު ބައެއް ސަރުކާރުން ދައްކާދޭނެ ކަަމަށެވެ.
ޕްރައިވެޓް ކޮލެޖުތަކުން ޓިއުޝަންފީ ކަވަރުކުރާ މިންވަރު:
- 62 ކޯހަކުން - 100 ޕަސެންޓް ޓިއުޝަންފީ
- 17 ކޯހަކުން - 80 -99 ޕަސެންޓް ޓިއުޝަންފީ
- 32 ކޯހަކުން - 60 - 80 ޕަސެންޓް ޓިއުޝަންފީ
- 41 ކޯހަކުން - 40 - 60 ޕަސެންޓް ޓިއުޝަންފީ
އިބްރާހިމް ވިދާޅުވީ ފުރަތަމަ ޑީގްރީއަށް ހިލޭ ކިޔެވުމުގެ ފުުރުސަތު ދޭނީ އެކަމަށްއެދި ދަރިވަރު ފޯމަކުން ހުށަހެޅުމުން ކަމަށެވެ. އަދި އެ ފޯމް މިއަދު މެންދުރުފަހުން ފެށިގެން ގައުމީ ޔުނިވާސިޓީ އަދި ޕޮލިޓެކްނިކްއިން ލިބެން ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެ ސްކީމްގެ ދަށުން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނީ އަލަށް ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ކަމަށްވެސް ޑރ. އިބްރާހިމް ވިދާޅުވިއެވެ.
"އަދި އެބަ ދަރިވަރު ވާންޖެހޭ ފުލްޓައިމް ދަރިވަރަކަށްވެސް. އަދި ފުރަތަމަ ޑިގްރީ ކޯހަކުން ޕްލޭސްމަންޓް ލިބިފައިވާކަން ކަށަވަރުވެފައިވާކަމުގެ ސިޓީއެއް އޭގައި އޮންނަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ޑރ. އިބްރާހިމް ވިދާޅުވީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލުން ލަސްވެގެން ދިޔައީ ސަަރުކާރުގެ މާލީ ހާލަތު ހުރިގޮތުގެ ސަބަބުން ކަމަށާއި އަދި މިއަހަރު ކޯސްފީ ދައްކަވައިފައިވާ ފަރާތްތަކަށް ބަދަލުދިނުމަށްވެސް މިހާރު ނިންމަވައިވާ ކަމަށެވެ.