މާފަންނުގައި ހަދަމުންދާ އިމާރާތެއްގެ ފަސް ވަނަ ބުރިން މީހަކު ވެއްޓި ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

މާފަންނު ސްޓާ ސިނަމާ ހުންނަ ހިސާބުން މަޖީދީމަގުގައި ހުންނަ މ. އިބްރާހިމްއާބާދު ގޭގެ ފަސް ވަނަ ބުރީގެ ލިފްޓް ގޮޅީގެ މަސައްކަތެއް ކުރުމަށް އުޅެނިކޮށް ރޭ ގާތްގަނޑަކަށް 9:30 ހާކަންހާއިރު ވެއްޓުނީ މ. ޝާހް އާބާދު ޝަމްއާން،30، އެވެ.

ޝަމްއާނުގެ އާއިލާގެ ފަރާތުން ވާހަކަ ދެއްވި ބޭފުޅަކު މިއަދު ވިދާޅުވީ ޝަމްއާނު ވެއްޓެން މެދުވެރިވި ސަބަބު ބުނަން ނޭނގޭ ކަމަށެވެ. އަދި ޝަމްއާން ވެއްޓި ޖެހުނީ އަރިއަކަށް ކަމަށާއި އެހެންނަމަވެސް އޭނާގެ ކަނައަތު ފައި ބިނދުން ފިޔަވައި ސީރިއަސް އަނިޔާއެއް ބޭރުފުށުން ފެންނަން ނެތް ކަމަށް އާއިލާ އިން ބުންޏެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ އަދި ޝަމްއާން ވެއްޓެން މެދުވެރި ސަބަބެއް. އެކި މީހުން ބުނަނީ އެކި ގޮތްގޮތަށް. ޝަމްއާންގެ ހަށިގަނޑުގެ ބޭރުފުށުން ނެތް މާ ސީރިއަސް އަނިޔާއެއް ފެންނާކަށް. އެކަމަކު އޭނާގެ ކަކޫ ބިންދައިގެން ގޮސްފައި ހުރީ،" ޝަމްއާންގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ އިމަޖެންސީގައި ފަރުވާދެމުން ދަނިކޮށް، ޝަމްއާން މަރުވެފައި ވަނީ، ރޭ ދަންވަރު 1:00 ޖަހާ އެހާކަންހާއިރު ކަމަށެވެ.

ޝަމްއާން މަރުވި އިރު އަންބަކާއި ހަ އަހަރުގެ ފިރިހެން ކުއްޖަކު އެބަހުއްޓެވެ.

ޝަމްއާންގެ އާއިލާގެ ފަރާތުން ބުނަނީ ޝަމްއާނަކީ އުސް ތަންތަނަށް އެރުމަށް ބިރު ގަންނަ މީހެއް ކަމަށެވެ. އަދި ޝަމްއާން އަކީ ހުރިހާ މަސައްކަތެއް ވެސް ދަންނަ މީހެއް ކަމަށާއި އެހެންނަމަވެސް އޭނާ އާއްމުކޮށް ހަރަކަތްތެރިވެ އުޅެނީ ފެމިލީ ބިޒްނަސްގައި ކަމަށް އޭނާގެ އާއިލާގެ ފަރާތުން ބުނެ އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލު އަހުމަދު ޝިޔާމް ވިދާޅުވީ ޝަމްއާން ވެއްޓެން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޝަމްއާނުގެ ހަށިގަނޑު މިހާރު ވަނީ ވަޅުލުމަށް ޓަކައި އާސަހާރާ އަށް ގެންގޮސްފަ އެވެ. ޝަމްއާނުގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.


-----------
09:57
އިމާރާތުން ވެއްޓި މަރުވެފައި ވަނީ، މ. ޝާހުއާބާދު ޝައްމާނެވެ. އޭނާ ވެއްޓުނީ ސްޓާ ސިނަމާ ކައިރީގައި ހަދަމުން އަންނަ އިބްރާހީމްއާބާދުން ކަމަށް އެނގިފައިވެ އެވެ. އޭނާ ވެއްޓި ވަނީ ވަރަށް ގިނަ ތަންތަން ބިނދިފައި ކަމަށް ވެސް އެނގިފައިވެ އެވެ.

އިމާރާތެއްގެ އަށް ވަނަ ބުރީގެ ވައިގޮޅިން ވެއްޓި މީހަކު ރޭ މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ މާފަންނު ގެއެއްގެ ވައިގޮޅިން މީހަކު ވެއްޓި މަރުވި ކަން ފުލުހުންނަށް އެނގުނީ، މަރުފޯމްގައި ސޮއި ކުރަން ފުލުހުންނަށް ގެނައުމުން ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ 29 އަހަރުގެ ދިވެއްސެކެވެ. ރޭ 8:30 ހާކަންހާއިރު ވެއްޓުނު މީހާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރު އެކެއް ޖަހަން އުޅެނިކޮށް ކަމަށް އެނގިފައިވެ އެވެ.

]ތަފުސީލް އަންނަނީ[