14 Feb 2019, 09:28
ކަރަކާސް (ފެބްރުއަރީ 14) : ވެނެޒުއެލާގެ ވެރިކަން ބަޣާވާތަކުން ފުރޮޅާލުމަށް މަސައްކަތް ކުރުމުގެ ކުށުގައި އިދިކޮޅު ލީޑަރު ޚުވާން ގުއައިޑޯ ގެ މައްޗަށް ވެނެޒުއެލާގެ ޝަރޫއީ ދާއިރާއިން ދައުވާ ކުރާނެ ކަމަށް އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެއެވެ.
ލުބްނާނުގެ "އަލްމަޔާދީން" ޓިވީ ޗެނެލް އަށް ދެއްވި ބަސްދީގަތުމެއްގައި މަދޫރޯ ވިދާޅުވީ ގުއައިޑޯ ފައްޓަވާފައިވާ ބަޣާވާތް ނާކާމިޔާބުވެ އޭނާގެ ބާރު ކުޑަވަމުންދާ ކަމަށާ ބޭރު ގައުމުތަކާ ގުޅިގެން ގައުމު ބައިބައިކޮށްލަން މަސައްކަތްކުރުމުގެ ޚިޔާނާތުގެ ދައުވާ އޭނާގެ މައްޗަށް ކުރެވޭނެ ކަމުގައެވެ. މަދޫރޯ ވިދާޅުވީ އެމެރިކާ ގެ ސަބަބުން ލީބިޔާ އާއި ސޫރިޔާއަށް ވީގޮތް ވެނެޒުއެލާއަށް ވުމަށް ވެނެޒުއެލާގެ ރައްޔިތުން ނޭދޭކަމަށާ އެގޮތަށް ވުމަށް ގައުމު ދޫކޮށްނުލުމަށް ގައުމުގެ ގިނަ ބަޔަކު ތިބީ އަމިއްލަ ނަފްސު ގުރްބާން ކުރަންވެސް ތައްޔާރަށް ކަމުގައެވެ.
އިންގިލާބީ ހަރަކާތް ހުއްޓާލުމަށްފަހު އެނބުރި ގާނޫނީ އިމަށް ރުޖޫއަވުމަށް ތިން ވަނަ ފަރާތެއް މެދުވެރިކޮށް ގުއައިޑޯ އަށް ނަސޭހަތް ދެވިއްޖެ ކަމަށާއި އެނަސޭހަތުގައި އޭނާ ހިފާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މަދޫރޯ ވިދާޅުވިއެވެ.
މަދޫރޯ ވަނީ ގުއައިޑޯ ފައްޓަވާފައިވާ ބަޣާވާތް ނާކާމިޔާބު ވެއްޖެކަން މިހަފްތާގެ ކުރީކޮޅު އިއްލާން ކުރައްވާފައެވެ. ޔޫރޯ ނިއުޒް އަށް ދެއްވި ބަސްދީގަތުމެއްގައި މަދޫރޯ ވިދާޅުވެފައިވަނީ ގުއައިޑޯ ފައްޓަވާފައިވާ ބަޣާވާތް ނާކާމިޔާބުވެއްޖެ ކަމަށާއި ބަޣާވާތް ނާކާމިޔާބުވީ އެއީ ގާނޫނު އަސާސީ އާ ޚިލާފު ޚިޔާނާތުގެ އަމަލަކަށްވާތީ ވެނެޒުއެލާގެ ސިފައިންނާއި ދައުލަތާއި ސަރުކާރުގެ މުއައްސަސާތަކުން އެކަމަށް ތާއީދު ނުކުރުމުގެ ނަތީޖާ އެއްގެ ގޮތުން ކަމުގައެވެ.
ގުއައިޑޯ ފައްޓަވާފައިވާ ބަޣާވާތުގެ ހަރަކާތަށް އެމެރިކާއާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކުން ތާއީދުކޮށްފައިވާތީ މަދޫރޯވަނީ އެގައުމުތައް ކުށްވެރިކުރައްވާފައެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަކީ ގާނޫނުގެ ހުކުމާއި ޑިމޮކްރަސީ އަށް މަސައްކަތްކުރާ ގައުމުތަކެއްކަމަށް އަޑުފަތުރާ ގައުމުތަކެއް ކަމަށްވިޔަސް އެގައުމުތަކުގެ ކިބައިން ފެނުނީ އެއާ މުޅިން ޚިލާފު އަމަލުތަކެއް ކަމަށް މަދޫރޯ ވަނީ ވިދާޅުވެފައެވެ. މިގޮތުން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ކިބައިން ފެނުނީ އެގައުމު ތަކުގެ އަމިއްލަ މަސްލަހަތު އިސްކޮށް ޑިމޮކްރަސީއާ ޚިލާފު ޣައިރު ގާނޫނީ ހަރަކާތްތަކަށް ތާއީދުކުރި މަންޒަރު ކަމަށާ އެއީ ލަދުވެތި ކަމެއްކަމަށް މަދޫރޯވަނީ ސިފަކުރައްވާފައެވެ.
ގުއައިޑޯ، އޭނާއަކީ ވެނެޒުއެލާގެ ރައީސް ކަމަށް އަމިއްލައަށް މިދިޔަ މަހު އިއްލާން ކުރެއްވީ މަދޫރޯ ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެފައިވަނީ ވޯޓު އޮޅުވާލައިގެން ކަމަށް ތުހުމަތު ކުރުމަށްފަހުގައެވެ. ނަމަވެސް މިކަން އޭނާއަށް ސާބިތުކޮށް ދެވިފައެއް ނުވެއެވެ. ވެނެޒުއެލާއަށް އަސްކަރީ ގޮތުން އަރައި މަދޫރޯގެ ވެރިކަން ވައްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާ ދިންނަމަވެސް އެކަން ކުރަން އެމެރިކާއަށް ކެރިފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)