ކުރިއަށް މަޖިލިސް އިންތިހާބުގައި ވޯޓުލާ މީހުން ކިއުގައި ގިނައިރު ތިބެންޖެހިދާނެތީ އެ މައްސަލަ ހައްލުކުރަން ގިނަ ވޯޓު ފޮށިތަކެއް ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލާން ކިއުގައި ގިނަ އިރު ތިބެންޖެހުމުން ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބަައެއް ވޯޓު ފޮށިތަކަށް މީހުން ވޯޓުލާފައިވަނީ ހަތް ގަޑިއިރު ނުވަތަ އެއަށްވުރެވެސް ގިނަ އިރު ކިއުގައި ތިބެގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ މިފަހަރު މަޖިލިސް އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ އަދަދު ރިޔާސީ އިންތިހާބަށްވުރެ ގިނަ ވާނެ ކަމަށެވެ.

" ފޮށްޓަކަށް ވޯޓުލާން 700 އަދި 1000 މީހުން ރެޖިސްޓްރީކޮށްފައިވާނަމަ އެއް ފޮށި އެކަމަކު ދެ ސެޓަޕެއް ހުންނާނެ. ދެ ކިއުއަކަށް ގޮސް ވޯޓު ލެވޭނެ މިފަހަރު. 1000 މީހުންނަށްވުރެ ގިނައިން ވޯޓުލާން ރެޖިސްޓްރީކޮށްފި ނަމަ ދެ ފޮށި ބަހައްޓަން ވަނީ ނިންމާފައި." ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވި އެވެ.

މިފަހަރުގެ އިންތިހާބުގައި ސްރިލަންކާގައިވެސް ދެ ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ. އަދި އިންޑިއާގެ ނިއުދިއްލީ އަދި ޓްރިވެންޑްރަމްގައިވެސް ވޯޓޫ ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ.

އަކްރަމް ވިދާޅުވީ ގިނައިރު ކިއުގައި ޖެހިގެން ތިބެންޖެހޭ މައްސަލައަށް ހައްލު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން މިފަހަރުގެ އިންތިހާބުގައި ބަދަލުތަކެއް ގެންނާނެ ކަމަށެވެ.