13 Feb 2019, 20:37
ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 39 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
މަޖިލިސް އިންތިހާބު އޮންނަނީ އެޕްރީލް ހަވަނަ ދުވަހު އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިިދާޅުވީ 39 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ވޯޓު ފޮށި ބަހައްޓާނެ ރިސޯޓުތަކެއް އެ ކޮމިޝަނުން އަދި އިއުލާނެއް ނުކުރެ އެވެ.
އަކްރަމް ވިދާޅުވީ ރި ރެޖިސްޓްރޭޝަން މުއްދަތުގައި 50 މީހުންނަށްވުރެ ގިނަ މީހުން ވޯޓުލާން ރެޖިސްޓްރީ ކޮށްފައިވާ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އަދި މިހާރު ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ 39 ރިސޯޓުގެ ތެރެއިން 50 މީހުން ރެޖިސްޓްރީ ނުވާ ރިސޯޓުތަކުގައި ވޯޓު ފޮށި ނުބަހައްޓާނެ އަކްރަމް ވިދާޅުވި އެވެ.
" މިހާރު ވޯޓު ވޮށި ބަހައްޓަން ނިންމާފައިވާ ރިސޯޓުތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ނުބަހައްޓާ އަށް ރިސޯޓެއް ހިމެނޭ. އަދި ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓި ރިސޯޓުތަކުގެ ތެރެއިން ހަތަރު ރިސޯޓެއްގައި ވޯޓު ފޮށި ނުބަހައްޓާނެ." އަކްރަމް ވިދާޅުވި އެވެ.
މިފަހަރު މަޖިލިސް އިންތިހާބުގައި ހަތް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ.
ވޯޓު ފޮށި ބަހައްޓާ ގައުމުތައް
- ސްރިލަންކާ
- އިންޑިއާ
- ބަންގްލަދޭޝް
- ސިންގަޕޫރު
- އިނގިރޭސި ވިލާތް
- ތައިލެންޑް
- މެލޭޝިއާ
މަޖިލިސް އިންތިހާބުގައި ބަހައްޓަނީ ޖުމްލަ ކިތަށް ވޯޓުފޮށި ކަމެއް އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނެއް ނުކުރެ އެވެ. އިންތިހާބު ރި ރެޖިސްޓެރޭޝަންއަށް މިމަހު 18 ގައި ހުޅުވާލަން ވަނީ ނިންމާފަ އެވެ.