ޤާހިރާ (އޮކްޓޯބަރ 10) : މިސްރުގެ ސަލާމަތީ ބާރުތަކާއި އެޤައުމުގެ ނަސާރާ ޤިބްތީން ނާދެމެދު އިއްޔެ ހަވީރު ހިނގި ކުރިމަތިލުންތަކެއްގައި 22 މީހަކު މަރުވެ 183 މީހަކު ޒަޚަމް ވެއްޖެއެވެ. މަރުވެ އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ޤިބްތީ ޒުވާނުންނެވެ. ނަމަވެސް މަރުވި މީހުންގެ ތެރޭގައި މިސްރު ފުލުހުންނާއި ސިފައިންގެ ބައެއް މީހުންވެސް ހިމެނެއެވެ.

މިކުރިމަތިލުން ހިނގީ މިސްރުގެ އަސްވާން ސަރަޙައްދުގައި ރަސްމީ ހުއްދައަކާނުލައި ޤިބްތީންގެ ބައެއްމީހުން ބިނާކުރަމުން ގެންދިޔަ ނަސާރާ ފައްޅިއެއް ތަޅާލުމަށް ފުލުހުން މަަސައްކަތް ކުރުމުންނެވެ.

މިކަމާ ރުޅިއައިސްފައިވާ ޤިބްތީ ޒުވާނުން ޤާހިރާގެ މެދުގައިވާ މިސްރުގެ ޓީވީ އާއި ރޭޑިޔޯގެ ޢިމާރާތުގެ ކުރިމަތިން މިސްރުގެ ފުލުހުންނަށް އޮއްގަލާއި ބިއްލޫރި ފުޅިއާއި ދަނގަޑުބުރި ފަދަ އެއްޗެހިން ޙަމަލާދީ އެހިސާބުގައިވާ ބައެއް ވެހިކަލްތަކުގައި ހުޅުޖަހައި ހަމަނުޖެހުންތައް ހިންގަން ފެށުމުން ފުލުހުންނަށް އެހީތެރިވުމަށް ސިފައިންގެ ބާރެއްވެސް ނުކުތެވެ. އަދި ހަމަނުޖެހުން ހިންގާ ޤިބްތީން މައިތިރި ކުރުމަށްޓަކައި ބަޑީގެ ބޭނުން ކޮށް ބައެއްމީހުންގެ ގަޔަށް ބަޑިޖެހިއެވެ.

މިސްރުގެ ދާޚިލިއްޔާ ބުނާގޮތުން މަރުވީ 19 މީހުންނެވެ. ނަމަވެސް މިޢަދަދު 22 އަށް އަރާކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ. މިސްރު ސަރުކާރުން ބުނަނީ މިއީ މިސްރުގައި ހަމަނުޖެހުން އުފައްދައި މިސްރަކީ ބައިމަދު ނަސާރާއިންގެ ޙައްޤުތަކަށް އަރައިގަންނަ ޤައުމެއްކަން ދެއްކުމަށްޓަކައި ބޭރުގެ ބައެއް ފަރާތްތަކާ ގުޅިގެން ޤިބްތީން ޒުވާނުންގެ މަދުބަޔަކު ހިންގި ޢަމަލުތަކެއް ކަމުގައެވެ.

މިޢަމަލުތައް ހިންގި ޤިބްތީ ޒުވާނުންނަކީ ބޭރުގެ ނުރައްކާތެރި ބައެއް ޖަމަޢާތްތަކާއި އަދި ބައެއް ޤައުމުތަކުގެ ސަރުކާރުތަކާ ގުޅިފައިވާ ބައެއް ކަމަށާއި މިސްރުގެ ޤިބްތީ ކޮމިއުޓީ މިކަމުގައި ޝާމިލްނުވާ ކަމަށްވެސް މިސްރު ސަރުކާރުން ބުނެއެވެ. ޤިބްތީންގެ މެދުމިނުގެ މީހުންވަނީ ޤިތްބީ ޒުވާނުންގެ ޢަމަލުތައް ކުށްވެރިކޮށްފައެވެ.

ހަމަނުޖެހުން އުފެއްދި ޤިބްތީ ޒުވާނުންވަނީ މިސްރުގެ ނަސާރާއިން ޙިމާޔަތް ކުރުމަށްޓަކައި މިސްރަށް ވަދެގަތުމަށް އެމެރިކާއަށާއި ޔޫރަޕްގެ ނަސާރާ ޤައުމުތަކަށް ގޮވާލާފައެވެ. މިޢަމަލުތައް ހިންގި ޤިބްތީ ޒުވާނުންގެ ފަހަތުގައިވާ ބޭރުގެ ފަރާތްތަކަކީ ކޮންފަރާތްތަކެއްކަން މިސްރުގެ މަސްއޫލުވެރިން ހާމަނުކުރެއްވި ނަމަވެސް އެމީހުންގެ ފަހަތުގައި އިސްރާއީލާއި އެމެރިކާގެ ހަރުކަށި ނަސާރާ އަދި ޔަހޫދީ ޒަޔަނިސްޓް ޖަމާޢަތްތައް ވާކަމަށް މިސްރުގައި ޝާޢިޢު ކުރެވޭ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މިސްރަށް ދާދިފަހުންއައި ރައްޔިތުންގެ އިންޤިލާބުގައި މިސްރުގެ ކުރީގެ ޑިކްޓޭޓަރު ހުސްނީ މުބާރަކްގެ ނިޒާމް ވެއްޓުމާ ގުޅިގެން އިސްރާއީލުވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. މުބާރަކް ސިފަކުރެވެނީ އެމެރިކާއާއި އިސްރާއީލުގެ މަސްލަޙަތާ އެއްގޮތަށް ޢަމަލުކުރާ ޑިކްޓޭޓަރެއްގެ ގޮތުގައެވެ.

މުބާރަކް ވެއްޓުމަށްފަހު މިސްރާއި އިސްރާއީލުގެ ސުލްޙައަށާއި ކޭންޕް ޑޭވިޑް މުޢާހަދާ އަށް ވާނެގޮތެއް ނޭންގޭތީ އެމެރިކާއާއި އަދި ޚާއްސަކޮށް އިސްރާއީލުވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.މިސްރުގެ ބޮޑުވަޒީރު ޢިސާމް ޝަރަފްވަނީ މިސްރުގެ މުޅި ދައުލަތް ނުރައްކަލުގެ ތެރޭގައިވާ ކަމުގެ އިންޒާރު ދެއްވާފައެވެ. (އަލްޖަޒީރާ)