13 Feb 2019, 15:57
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބ. ދަރަވަންދޫ ކައުންސިލް މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވި ކަމަށް ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގައި ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމު ޤާއިމުވެފައި ނެތުމުން ކުރިމަތިވާ އުނދަގޫތައް ޙިއްޞާކުރެއްވި ކަަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ކައުންސިލް މެންބަރުން ވަނީ ރަށުގައި އިންޓަގްރޭޓެޑް ޓުއަރިޒަމް ގާއިމުކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން މެންބަރުން ވަނީ ބަނދަރުގެ ހާލަތު މިހާރު އޮތްގޮތުން ކުރިމަތިވާ ދަތިތައް ވެސް ޙިއްސާކުރައްވައިފަ އެވެ.
ކައުންސިލް މެންބަރުން ވަނީ ދަރަވަންދޫ އެއާޕޯޓު މިހާރަށް ވުރެ ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ ދަތިތަކާއި، ރަށުގައި ގެދޮރު ދޫކުރެވެން ނެތުމުން ރައްޔިތުންނަށް ކުރިމަތިވެފައިވާ އުނދަގޫތައް ވެސް މެންބަރުން ޙިއްޞާކުރައްވާފައިވެ އެވެ. މެންބަރުން ދެއްކެވި ވާހަކަފުޅުފައި ޒުވާނުންނަށް އެންމެ ބޭނުންވެފައިވާ ފުޓުބޯޅަދަނޑުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވި އެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދަރަވަންދޫގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ އެކު މަޝްވަރާކުރެއްވުމަށް ފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.