ދިމިޝްޤު (އޮކްޓޯބަރ 10) : ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ދާދިފަހުން އެކުލަވާލާފައިވާ "ސޫރިޔާގެ ވަތަނީ މަޖިލިސް" އަށް އިޢްތިރާފް ނުވުމަށް ރައީސް ބައްޝާރުލް އަސަދްގެ ސަރުކާރުން ދުނިޔޭގެ ޤައުމުތަކަށް އިންޒާރުކޮށްފިއެވެ.

މިއިންޒާރު ދެއްވަމުން ބައްޝާރުލް އަސަދްގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ވަލީދުލްމުޢައްލިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކުލަވާލާފައިވާ "ސޫރިޔާގެ ވަތަނީ މަޖިލިސް" އަށް އިޢްތިރާފްވާ ކޮންމެ ޤައުމަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގައެވެ. މުޢައްލިމް މިމޭރުމުން ވާހަކަ ދެއްކެވީ ލެޓިން އެމެރިކާގެ ބައެއް ޤައުމުތަކުގެ މަންދޫބޫންނާއި ޚާރިޖީ ވަޒީރުންނާއެކު ދިމިޝްޤުގައި ބޭއްވި ނޫސްކޮންފަރެންސެއްގައެވެ.

ބައްޝާރުލް އަސަދްގެ ނިޒާމުން މިމޭރުމުން ވާހަކަ ދެއްކި ނަމަވެސް "ސޫރިޔާގެ ވަތަނީ މަޖިލިސް" އަށް އިޢްތިރާފްވާ ޤައުމުތަކާ ދެކޮޅަށް މާބޮޑު ފިޔަވަޅުތަކެއް އެޅުމުގެ ޤާބިލްކަން ބައްޝާރުގެ ސަރުކާރަށް ލިބިފައިނުވާ ކަމަށާއި އެސަރުކާރަކީ ޢަރަބި އިސްލާމީ ދުނިޔޭގެ އިތުރުން މުޅިދުނިޔޭގައިވެސް ވަރަށް އެކަހެރިވެފައިވާ ސަރުކާރެއް ކަމަށް މުޙައްލިލުން ބުނެއެވެ.

ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން "ސޫރިޔާގެ ވަތަނީ މަޖިލިސް" ގެ ނަމުގައި މަޖިލީހެއް އެކުލަވާލީ ބައްޝާރުލްއަސަދްގެ އަނިޔާވެރި އަދި ޚުދުމުޚްތާރު ނިޒާމް ވައްޓާލުމަށް ޑިޕްލޮމެޓިކްގޮތުން މަސައްކަތްކުރުމުގެ މަޤްސަދްގައެވެ. މިމަޤްސަދްގައި އެމަޖިލީހުން މިހާރުވަނީ ޢަރަބި ލީގްގައި ސޫރިޔާ ތަމްޘީލް ކުރުމުގެ ފުރްސަތު އެމަޖިލީހަށް ދިނުމަށް ރަސްމީގޮތުން ހުށަހަޅާފައެވެ.

މިދިޔަ މާރޗް މަހުން ފެށިގެން ބައްޝާރުލްއަސަދްގެ ސަރުކާރުން ގެންދަނީ އެސަރުކާރާދެކޮޅަށް ސުލްޙަވެރިކަމާއެކު މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރަމުން ގެންދާ އެޤައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް މީހުންމަރައި އަނިޔާވެރި ޢަމަލުތައް ހިންގަމުންނެވެ. ސޫރިޔާގެ ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން އިއްޔެވެސް 24 މީހަކު މަރުވެފައިވާއިރު ވޭތުވެދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި ބައްޝާރުގެ ސަރުކާރުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހިންގި އަނިޔާވެރި އަދި ލޭއޮހޮރުވުން ބޮޑު ޢަމަލުތަކުގައި 3 ހާހަށްވުރެ ގިނަމީހުން މަރާލައި އެތަށްހާސްބަޔަކުވަނީ ޒަޚަމްކޮށްލާފައެވެ.

މިދިޔަ ހޮނިހިރުދުވަހުވަނީ އިދިކޮޅު ވަރަށް އިސްލީޑަރެއް ކަމަށްވާ މިޝްޢަލް ތައްމޫ ވެސް އަވަހާރަކޮށްލާފައެވެ. މިކަމުގެ ސަބަބުން ބައްޝާރުގެ ސަރުކާރުވަނީ މުޅިދުނިޔޭގެވެސް ނުރުހުމާއި ނަފްރަތުލިބި ވަރަށް ބޮޑަށް އެކަހެރިވެފައެވެ. (ނޫސްއެޖެންސީތައް)