13 Feb 2019, 14:34
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދޭންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް، ސަރުކާރު ހިންގާ ކޯލިޝަނުގެ ބައިވެރިޔާ ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ ގިނަ ބަޔަކު ގުޅިގެން ކުރި ބޮޑު މަސައްކަތަކުން ކަމަށެވެ.
"ރައީސް ސޯލިހު ވެރިކަމަށް ގެނައީ ގިނަ ބަޔަކު ގުޅިގެން ވަރަށް ބޮޑު އުންމީދެއްގައި، ހުރިހާ ޕާޓީތަކެއް ގުޅިގެން، އަދި ރާއްޖެ ވަރަށް ބޮޑު އަނދަވަޅެއްގައި އޮއްވާ،"
މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހަކީ ކުރައްވާ ހުރިހާ ކަމަކާއި ނިންމަވާ ނިންމުންތަކުގައިވެސް "ހުރިހާ އެންމެން ގޮވައިގެން" މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ނަސީބު، މިކަހަލަ މަޑުމައިތިރި، އޯގާތެރި ހިންގުންތެރި ރައީސެއް ލިބުމަކީ. އަދި ވަކި ފިކުރަކަށް ބެލުމެއް ނެތްކަންވެސް އެނގިވަޑައިގަންނަވާނެ،" ސަރުކާރުން ދޭ ހިދުމަތްތަކުގައި ވަކި ބަޔަކަށް ތަފާތު ނުކުރާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަލީ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުކުރާ އިރު، އަގުލަބިއްޔަތު ދޭންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސަރުކާރު ހިންގަން ފަސޭހަވާނެ ގޮތަކަށް ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަރުކާރު ހިންގަން ފަސޭހަ ވާނެހެން އެމަނިކުފާނަށް އަގުލަބިއްޔަތު ދޭންވީ. ވަކި ފިކުރަކަށް ވަކި ޕާޓީއަކަށް ނޫން. މިވަގުތު މި އޮތީ ގައުމީ ސަރުކާރެއް،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސަރުކާރަށް ނިސްބަތްވާ ޕާޓީތަކުގެ މެދުގައިވެސް ވާދަވެރިކަން އިތުރުވެފައިވާ އިރު، އެންމެ ވާދަވެރިކަން ބޮޑީ ރައީސް ސޯލިހު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީއާ ދެމެދުއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވަނީ މަޖިލީހުގެ ގިނަ ގޮނޑިތައް އެމްޑީޕީއަށް ލިބެންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވައުދުތައް ފުއްދޭނީ މަޖިލީހުގެ ތައީދާ އެކުގައި ކަމުން ސަރުކާރަށް މެޖޯރިޓީ އޮތުމަކީ މުހިންމު ކަމެއް ކަމަށާއި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ އެމްޑީޕީއަށް ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.