13 Feb 2019, 14:37
އުމުރުން ދުވަސްވީ މީހުންނަށް، އާއިލާއާއި މުޖުތަމައުގެ ތެރޭގައި ބަސްބުނުމުގެ އިހްތިޔާރު ހޯއްދަވައިދެއްވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
މުޖުތަމައާއި އާއިލާގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމަށާއި އެ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް ފަހިކޮށްދިނުމަށް ޖެންޑާ މިނިސްޓްރީއިން ފަށާފައިވާ ރަންވޭލާ ކެމްޕެއިން މިއަހަރަށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާ މެދު ގެންގުޅޭ ނުރަނގަޅު ވިސްނުން ބަދަލުކުރުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 70 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު މިނިސްޓްރީއަށް ހުށަހެޅުނު ކަމަށާއި މިއީ ރާއްޖެ ފަދަ ކުޑަ އާބާދީއެއްގައި ނިސްބަތުން ބޮޑު އަދަދެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ އުމުރުން ދުވަސްވީ މީހުންނާ ގުޅޭގޮތުން އެންމެ ގިނައިން ހުށަހެޅެނީ ދުވަސްވީ މީހުންނަށް އަޅައިލާނެ ފަރާތެއްނެތި، އިހުމާލުވުމުގެ މައްސަލަތައް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި މައްސަލަތަކުގެ އިތުރުން ކަމާބެހޭ އިދާރާތަކަށް ހުށަނޭޅޭ، ރިކޯޑު ނުކުރެވޭ ގިނަ މައްސަލަތައް ހުންނާނެ ކަމަށެވެ.
އުމުރުން ދުވަސްވީ ބައެއް މީހުން ދުނިޔެ ދޫކޮށް ދަނީ އެ ހިތްދަތި ކަމުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހިންނަކީ ޒަމާނުއްސުރެ އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ގަދަރަކާއި ލޯތްބެއް ބެހެއްޓި ބައެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ދުވަސްވީ މީހުންނަކީ އާއިލާގެ ތެރޭގައި މުހިންމު ބައެއް ކަމަށެވެ. ދުވަސްވީ މީހުންނަށް އަޅާލާ އިހުތިރާމުކުރުމުގެ ނަމޫނާ ދެއްކެވުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޖެންޑާ މިނިސްޓްރީއާ ދެމެދު އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގެ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ވަނީ ސޮއިކޮށްފައެވެ.