13 Feb 2019, 11:40
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މަނީ ލޯންޑަރިންގްގެ ދައުވާ އުުފުލައިފިއެވެ.
ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން، އެ ފައިސާތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެ ފައިސާ ލޯންޑާކުރުމާއި އެ ފައިސާ އާ ގުޅޭ ގޮތުން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ހިންގި ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕޮރޮސެކުޓާ ޖެނެރަލް އޮފީހަށް ފޮނުވީ މިދިޔަ ހަފްތާ ބުދަ ދުވަހުއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މއ. ކާމިނީހުޅަނގުގޭ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މަނީ ލޯންޑަރިންގްގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ކަމަށެވެ.
މއ. ކާމިނީހުޅަގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގ ގެ ދަޢުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިން@sunbrk@avasmv@VaguthuOnline@Mihaarunews@raajjemv@PSMnewsmv@VTVvmedia@tvmaldives@cnm_mv@Sangu_tv@Ch13official@Raajje_tv
— PGOMV (@PGO_MV)February 13, 2019
ފުލުހުން މިދިޔަ ހަފްތާ ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ފުލުހުން ހޯދި މައުލޫމާތާއި ހެއްކާއި ގަރީނާތަކުން، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމުގެ މައުލޫމާތު ލިބުމުން އެ މައްސަލަ ތަހުގީގުކުރި ކަމަށެވެ.
އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށާއި އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުކުރުމަށް ކުރީގެ ރައީސް ޔާމީނަށް ދެންނެވުމުންވެސް އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުނުކޮށް އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި އެ ފައިސާތައް ދައުރުކޮށް މުއާމަލާތުކޮށްގެން މާލީ މަންފާ ހޯދިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރައީސް ޔާމީންގެ އިތުރުން މިދިޔަ ހަފްތާ ބުދަ ދުވަހު ފުލުހުން ވަނީ މަނީ ލޯންޑާ ކުރުމުގައި އެމަނިކުފާނަށް އެހީތެރިވެ ބައިވެރިވުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ދައުވާ ރައީސް ޔާމީނުގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްދިނުމަށްވެސް އެދިފައެވެ.
އަޒިމާއަށް މިހާތަނަށް ދައުވާ ކުރަން ނިންމާފައިވާކަން އަދި މިހާތަނަށް ޕީޖީއިން ހާމައެއް ނުކުރެއެވެ.