ބްރަސެލްސް (ފެބްރުއަރީ 13): ބެލްޖިއަމްގައި މިއަދު ގައުމީ ފެންވަރުގައި ކުރަން ހަމަޖެހިފައިވާ އިހުތިޖާޖާ ގުޅިގެން އެގައުމުގެ ވައިގެ ސަރަހައްދު 24 ގަޑި އިރަށް ބަންދު ކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ އެއާ ޓްރެފިކް ކޮންޓްރޯލުން ބުނެފި އެވެ.

ބެލްޖިއަމްގެ އެއާ ޓްރެފިކް އޭޖެންސީ ސްކައިސްއިން ބުނި ގޮތުގައި އިއްޔެ 22:00އިން ފެށިގެން މިއަދު 22:00އާ ހަމައަށް އެގައުމުގެ ވައިގެ ސަރަހައްދު ބަންދު ކުރަން ނިންމީ، އިހުތިޖާޖުގެ ސަބަބުން ވަޒީފާއަށް ނުކުންނާނީ ކިތައް މުވައްޒަފުންކަން ނޭނގޭތީ އެވެ. އޭގެ ސަބަބުން ބެލްޖިއަމްއިން ފުރަން އޮތް ހުރިހާ ފްލައިޓުތަކާއި އެގައުމަށް ދާން އޮތް ހުރިހާ ފްލައިޓުތައް ވަނީ ކެންސަލްކޮށްފަ އެވެ.

ނަމަވެސް ސަރުކާރާއި އަސްކަރިއްޔާގެ ފްލައިޓުތަކާއި މެޑިކަލް އަދި އެމާޖެންސީ ފްލައިޓުތަކަށް ދަތުރު ކުރެވޭނެ އެވެ.

އެއިހުތިޖާޖު ކުރަން ގޮވާލާފައި ވަނީ މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަން ބޮޑު ކުރުމަށް ސަރުކާރަށާއި ޕްރައިވެޓް ކުންފުނިތަކަށް ގޮވާލަމުންދާ ބެލްޖިއަމްގެ އެންމެ ބޮޑު، ތިން ޓްރޭޑް ޔޫނިއަން ފެޑެރޭޝަނުންނެވެ. އެޔޫނިއަންތަކުން ވަނީ ޕަބްލިކް ޓްރާންސްޕޯޓުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން އިހުތިޖާޖުގައި ބައިވެރިވުމަށް އެދިފަ އެވެ.