10 Oct 2011, 09:36
ޝަރުއީ ނިޒާމުގެ ދަށު ކޯޓުތަކަށް ހާޒިރުވާން އަންގާ އަމުރުތަކަށް ކޯޓަށް ހާޒިރު ނުވެ އެފަދަ އަމުރުތައް އިސްތިއުނާފު މަރުހަލާއަށް ގެންދާން ފެށުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރޭގައި އަލަށް އުފެދިގެން އަންނަ ސަގާފަތެކެވެ. އިސްތިއުނާފު މަރުހަލާއަށް ދިއުމަކީ އަސާސީ ހައްގަކަށް ވީނަމަވެސް ކޯޓުތަކަށް ހާޒިރުވުމުގެ އަމުރުތައް އިސްތިއުނާފު މަރުހަލާ އާއި އިލްތިމާސް މަރުހަލާއަށް ދާން ފެށުމަކީ ޝަރުއީ ދާއިރާއަށް ހިސާބެއްގެ ބުރަކި ޖެހުމެއް އަތުވެދާނެ ކަމަށް ބެލިވިދާނެ ކަމެކެވެ.
މިސާލަކަށް އެމްބީސީއަށް ފިނޭންސް މިނިސްޓްރީން ބަޖެޓް ނުދީ ހިފަހައްޓާފައިވާ މައްސަލައިގައި ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް މިނިސްޓަރު އިނާޒު ހާޒިރުވެވަޑައިގަތުމަށް ސިވިލްކޯޓުން ނެރެފައިވާ އަމުރު ދައުލަތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. ހަމައެއާ އެކު ހައިކޯޓުން ބުނެފައި ވަނީ އަމުރާ މެދު ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން، އެ އަމުރު ތަންފީޒު ކުރުން ފަސްކުރުމަށެވެ. އެ އަމުރާއިގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ. މީގެ މާނައަކީ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ގޮތެއް ނުނިމި ގިނަ ދުވަހު އޮވެއްޖެ ނަމަ އިނާޒުގެ މައްޗަށް ސިވިލް ކޯޓުގައި ކުރާ ދައުވާ ނުހިނގައި ލަސްވެގެން ދިއުމެވެ. އަދި އެ މައްސަލައިގައި އަދަލު އިންސާފަށް ވާސިލުވާން އެދޭ ފަރާތްކަށް އެކަން ވަރަށް ބޮޑު ނުތަނަވަސް ކަމަކަށް ވެގެން ހިނގައިދާނެ ކަމަކަށް އެކަންވެގެން ހިނގައިދާނެ އެވެ.
ކްރިމިނިލް ކޯޓްގެ މީޑިއާ އޮފިޝަލު އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ ކޯޓުތަކުން ފޮނުވާ އަމުރުތަކަށް ކޯޓަށް ހާޒިރު ނުވެ މަތީ މަރުހަލާތަކުގައި އިސްތިއުނާފު ކުރަންވެއްޖެ ނަމަ މައްސަލަތައް ނިމިގެންދާލެއް ލަސްވެ ކޯޓުތަކުގައި މައްސަލަތައް ފުނިޖެހެން ފަށާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނުރައްކާތެރި މައްސަލަތަކެއް ވެސް ދިމާވެދާނެ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބަލައިގެން މައްސަލަތައް ޝެޑިއުލްކޮށް އަމުރު މިފޮނުވަނީ ހަމަ ލިސްޓެއްގައި ޖަހާލާފައި މީހުން ހާޒިރު ކުރަނީއެއް ނޫން. އެކަމަކު މިހެންންވާން ފަށައިފި ނަމަ މިސާލަކަށް ވަރަށް ނުރައްކާތެރި ކުށްވެރިއެއް މުޖުތަމައަށް ދޫވެގެން ދިއުމުގެ ފުރުސަތެއް ހުޅުވިގެން ހިނގައިދާނެ،" މަނިކު ވިދާޅުވި އެވެ.
މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ކޯޓަށް ހާޒިރުވުމަށް ނެރުނު އަމުރު އިސްތިއުނާފުކުރުމުން އެ ސަގާފަތް ރާއްޖޭގައި އާންމުވެ ކޯޓަށް ހާޒިރުވާން އަމުރުނެރޭ އެންމެންވެސް އެ އަމުރު އިސްތިއުނާފްކުރަން ފާށާނެ ކަމަށެވެ. އެހެންވެއްޖެ ނަމަ ދަށުކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިމުން ލަސްވެގެންދާނެ ކަމަށެވެ.
"މިގޮތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު އިސްތިއުނާފުކުރަން ވެއްޖެ ނަމަ މި ސަގާފަތް ރާއްޖޭގައި އާންމުވެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިމުން ލަސްވެގެންދާނެ،" އާޒިމާ ވިދާޅުވި އެވެ.
ގާނޫނީ އެހެން ބައެއް ވަކީލުން ވެސް ވިދާޅުވަނީ ކޯޓްތަކުގެ އަމުރުތައް އިސްތިއުނާފު ކުރަން ފެށުމަކީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ އާ ސޮފުހާއެއް ފެށުން ކަމަށާއި އެކަމުގައި އިންތަކެއް ޖަހަން ޖެހޭ ކަމަށެވެ.
"އަމުރު އިސްތިއުނާފު ކުރުމަކީ ގާނޫނީ ގޮތުން ލިބޭ ހައްގެއް. އެހެންވީމާ އެ ހައްގުގެ ބޭނުން އެއީ ކޮންމެ މީހަކަށް ވިޔަސް ހިފެންޖެހޭނެ. އެކަމަކު ކޯޓަށް ހާޒިރުވުމުގެ އަމުރުތައް އިސްތިއުނާފު ކުރަން ފެށުމަކީ ޝަރުއީ ނިޒާމަށް ބޮޑު ބަރުހެލި ކަމެއް އަންނާނެ ކަމެއް މީގައި ވިސްނުންތަކެއް މުސްތަގުބަލުގައި ގެންގުޅެންޖެހޭނެ. އެކަމަކު މިހާރު އޮތް ގޮތުން އެކަން ކުރެވޭނެ،" ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބުރާހިމް ވިދާޅުވި އެވެ.
ޖުޑިޝަރީގައި މަސައްކަތް ކުރައްވާ އެހެން ގާނޫނީ ވަކީލަކު ވިދާޅުވީ ރާއްޖޭގެ ގާނޫނީ ނިޒާމް އޮތް ގޮތުން ކޯޓަށް ހާޒިރުވުމުގެ އަމުރުތައް އިސްތިއުނާފު ނުކުރެވޭނެ ގޮތެއް ނެތް ކަމަށާއި އެކަމަކު އެހެން ގަމުތަކުގައި ކޯޓަށް ހާޒިރުވުމުގެ އަމުރުތައް އިސްތިއުނާފު ކުރުމަށް ލިމިޓޭޝަންތަކެއް ކަނޑައަޅާފައި ހުންނަ ކަމަށެވެ.
"އެކަމަށް ހުރޭ އުސޫލުތަކެއް. އެކަމަކު ރާއްޖޭގެ ގާނޫނީ ނިޒާމު ބަލިކަށިވީމަ އެގެ ތެރޭގައި ހުންނަ ލޯވަޅުތަކުގެ ބޭނުން މީހުން ކުރާނެ އެތަން މިފެންނަނީ. ހާޒިރުވުމުގެ އަމުރު އިސްތިއުނާފު ކުރުމަކީ މުޅި ޖުޑިޝަރީ އަށް ލަސްކަމެއް ގެނެސް އިންސާފަށް ވާސިލުވުމުގައި ހުރަސް އެޅޭނެ ކަމެއް، އަދި އެއީ ކޯޓުތަކަށް އިހުތިރާމް ކުޑަކުރުމެއް،" އެ ވަކީލު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ކޯޓުތަކުގެ އަމުރު މަތީ މަރުހަލާގައި އިސްތިއުނާފު ކުރުމާއި އިލްތިމާސް ކުރުމުގެ ސަގާފާތެއް އުފެދިގެން އަމަކީ އަދުލު އިންސާފުގެ ބާރު ހުއްޓުމަކަށް އަތުވެދާނެ ފަދަ ނުރައްކާތެރި ކަމެއް ކަމަށެވެ.
"މިއީ ޝަރުއީ ނިޒާމުގެ ބާރު ހުއްޓުމަކަށް އަތުވެދާނެ ފަދަ މައްސަލައެއް، ކަންބޮވާ މައްސަލައެއް،" އިސް ގާޒީ ވިދާޅުވި އެވެ.