އަތޮޅުތެރޭ މަސައްކަތްކުރާ ހޮސްޕިޓަލްތަކުގެ މެނޭޖަރުންނަށް އަމާޒްކޮށް ބޭއްވި "ހޮސްޕިޓަލް މެނޭޖާސް ފޯރަމް އޮން ހެލްތް ކެއާ ޗެލެންޖެސް" ކާމިޔާބު ކަމާއެކީ ބާއްވައިފިއެވެ.

ހެލްތް މިނިސްޓްރީއިން ބުނީ ފޯރަމްގެ މައިގަނޑު މަގްސަދަކީ ސަރުކާރުގެ ސިއްހީ ސިޔާސަތަށް އަހުކުވެރިކޮށް ސިއްހީ ދާއިރާގައި ހުރި މައިގަނޑު މައްސަލަތައް ދެނެގަތުން ކަމަށެވެ. އަދި ސަރުކާރުގެ މެނިފެސްޓޯގެ އަމާޒުތަކަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާކުރުން ކަމަށެވެ.

އެ ފޯރަމްގައި ހޮސްޕިޓަލްތަކުގެ މެނޭޖަރުން ވަނީ އެ ހޮސްޕިޓަލްތައް ހިންގުމުގައި ދިމާވާ ދަތިތަކާއި މައްސަލަތައް ފާހަގަކޮށް ކަމާގުޅުން ހުރި ފަރާތްތަކަށް ހިއްސާކޮށްފައެވެ.

ހެލްތް މިނިސްޓްރީއިން ބުނީ އެ ފޯރަމްގައި ސިއްހީ ދާއިރާގެ 100 ދުވަހުގެ ވައުދުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދާ މަސައްކަތްތައް ހިއްސާކުރެއްވި ކަމަށެވެ. އަދި ކުރިއަށްއޮތް ފަސް އަހަރު ދުވަހަށް ރޭވިފައިވާ މުހިއްމު މަސައްކަތްތައް ރައީސް އޮފީހުން ހިއްސާކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އިންފްރާސްސްޓަކްޗާގެ މަސައްކަތް، ޕަބްލިކް ހެލްތުގެ މަސައްކަތް، އެމަޖެންސީ އިވެކްއޭޝަން އަދި ދާއިރާއިން މީހުން ބިނާކުރުންފަދަ މުހިއްމު ކަންތައްތައް ހިމެނެއެވެ.

އެ ފޯރަމަކީ ދެދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ފޯރަމެކެވެ.