09 Oct 2011, 19:47
މާލޭ ހެލްތު ސާވިސް ކޯޕަރޭޝަންގެ އާންމު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ކަސްޓަމަރުން ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ގޯނާ ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކޯޕަރޭޝަނުން ފަހަކަށް އައިސް އެފަދަ އަމަލުތައް ދިމާވަމުން އަންނަ ކަމަށާއި ބަލި މީހުންނަށް ހިދުމަތްދޭން މަސައްކަތް ކުރާ މުވައްޒަފުނަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ގޯނާ ކުރާ ފަރާތްތަކާމެދު ޝަރުއީ ދާއިރާގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.
އަދި ބުނީ އެ ކޯޕަރޭޝަންގެ ހިދުމަތްތައް އާންމުނަށް ފޯރުކޮށްދިނުމުގައި އިހުމާލުވާ މުވައްޒަފުންނާމެދު ވެސް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް އާންމުންނަށް ދޭ ކަމަށެވެ.
ކޯޕަރޭޝަނުން ވަނީ އެކަމާ ގުޅިގެން މިއަދު ނޫސް ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނަނީ ސިއްހީ ހިދުމަތްފަދަ މުހިންމު ހިދުމަތެއް ދިނުމުގައި ހަރަކާތްތެރިވާ މީހުންނަށް ޖިސްމާނީ އަދި ނަފުސާނީ ގޯނާތައް ކުރުމަކީ ބަލި މީހުންނަށް ހިދުމަތް ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި ރަނގަޅު ހިދުމަތް ދިނުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ. އަދި ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ފަރާތުން އެކަށީގެންވާ ހިދުމަތް ނުލިބޭނަމަ އެކަން ކޯޕަރޭޝަނަށް ހުށައަޅައިގެން މައްސަލަ ހައްލު ކުރުމަށެވެ.