19:00


ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލަ ގަޔަށް ޕެޓްރޯލް އެޅުމަށްފަހު ރޯކޮށްލި ކަމަށް ބުނާ އިބްރާހިމް އަފްޒަލްގެ މަރުގެ ހަގީގަތް ހާމަވަންދެން ވަޅުނުލާ ބެއްވުމަށް އާއިލާއިން ނިންމައިފި އެވެ.


ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލަ ގަޔަށް ޕެޓްރޯލް ހަމެއް އަޅައި ރޯކޮށްލައިގެން އިއްޔެ މަރުވި ގައްދޫ، ފުލޫނިޔާގޭ އުމުރުން 25 އަހަރުގެ އިބްރާހިމް އަފްޒަލްގެ ބޭބެ އަހުމަދު ތޮލާލް މިއަދު ބުނީ އަފްޒަލް މަރުވީ އަމިއްލަ އަށް ގައިގައި ރޯކޮށްލައިގެން ކަމަށް ފުލުހުން ބުންޏަސް އެމައްސަލައިގެ ހަގީގަތް ހޯދުމަށް އާއިލާ އިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އަފްޒަލްގެ ހަށިގަނޑާ އަދިވެސް ހަވާލުވެފައިނުވާ ކަމަށް ބުނެ ތޮލާލް ބުނީ ކަން ހިނގި ގޮތް އޮޅުންފިލުމުން ނޫނީ އަފްޒަލް ވަޅުނުލާން ނިންމައި އޭނާގެ ހަށިގަނޑު މިހާރު ގަލޮޅު ސަހަރާގެ މޯޗަރީގައި ބާއްވައިފައިވާ ކަމަށެވެ.


ތޮލާލް އިތުރަށް ބުނީ މިއަދު މެންދުރު 1:30 ން ފެށިގެން ފުލުހުންގެ އެއްބާރުލުން އާއިލާއަށް ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ.


ތޮލާލް ބުނީ އާއިލާގައި ތިބި ހަތް ކުދިންގެ ތެރެއިން އަފްޒަލަކީ ތިބި ތިން ފިރިހެން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާ ކަމަށެވެ. އަދި މިއީ އަފްޒަލްގެ އާއިލާ އަށް ދެ މަސް ދުވަހުގެ ތެރޭގައި ލިބުނު ހިތާމަވެރި ދެ ވަނަ ޚަބަރު ކަމަށާއި މީގެ ދެ މަހެއްހާ ދުވަސް ކުރިން އަފްޒަލްގެ ބޭބެ ވަނީ ފުއްޕާމޭ ހަލާކުވެގެން ކުއްލި ގޮތަކަށް މަރުވެފައި ކަމަށް ވެސް ތޮލާލް ބުންޏެވެ.


ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމުގެ މަތިން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މިހާރު ވަނީ އަފްޒަލްގެ މަރުގެ ތަހުގީގެއް ފަށައިފަ އެވެ. އަދި ފުލުހުންނާއި ހިއުމަންރައިޓްސް ކޮމިޝަނުން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެމައްސަލައާއި ގުޅިގެން އަފްޒަލްގެ އާއިލާގެ ފަރާތުން ބޭނުންވާ މަޢުލޫމާތު ފުލުހުން ދެމުންދާ ކަމަށާއި އަދި އެކަމުގައި ދެވެން އޮތް އެހީތެރިކަމެއް ވެސް އެ އާއިލާއަށް ދެމުން ދާނެ ކަމަށެވެ.


އަފްޒަލް މަރުވެފައި ވަނީ ގދ. ތިނަޑޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ޑޮކްޓަރުން ވެސް އުއްމީދު ކަނޑާލައިފައި ވަނިކޮށެވެ. އެ ހާދިސާގައި އަފްޒަލްގެ ހަށިގަނޑުން 95 ޕަސެންޓް ފިހިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފަ އެވެ.


ފުލުހުން ބުނެފައި ވަނީ އެހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 3:30 ހާއިރު އިބްރާހިމް އަފްޒަލް ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ، ޕޮލިސް ސްޓޭޝަންގެ ތެރޭގައި ހުރި އުނދޯލި ގެއެއްގެ ތެރޭގައި ފުލުހުންގެ ވެހިކަލްތަކަށް އަޅަން ބޭނުންކުރާ ޕެޓްރޯލް ހަމެއް އަމިއްލަ ގަޔަށް އަޅާލުމަށްފަހު އެތަނުގައި އޮތް ލައިޓަރެއް ނަގާ އަމިއްލަ އަށް ރޯކޮށްލައިގެން ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އާއްމު ފަރާތްތަކަށް ބިރުދައްކައި އުނދަގޫކޮށް ހަދާ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބިފައި ވަނިކޮށް، އެ ދުވަހު މަސްތުވެގެން ހުރި ކަމަށް ތުހުމަތުކުރެވިގެން ކަމަށްވެސް ފުލުހުން ބުނެ އެވެ.