13 Feb 2019, 09:36
ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު ރިލީޒްކުރި އާމިރު ޚާން އަދި މާދުރީ ދިކްޝިޓްގެ ކާމިޔާބު ފިލްމު 'ދިލް'ގެ ސީކުއެލް އެއް ހަދަން ނިންމައިފިއެވެ.
ފިލްމުގެ ދެވަނަ ބައެއް އުފައްދަން އުޅޭކަން ޔަގީންކޮށްދިނީ ފިލްމުގެ ޑައިރެކްޓަރު އިންދްރާ ކުމާރުއެވެ. އިންދްރާ ބުނީ ދެވަނަ ބަޔަށް ކިޔާނީ
'ދިލް އަގެއިން' ކަމަށެވެ. 'ދިލް'ގެ ދެވަނަ ބައެއް އުފައްދަން ވިސްނައިގެން އުޅޭތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެކަމަށް ދިގު މުއްދަތެއް ނެގީ ހިތްހަމަޖެހޭ ސްކްރިޕްޓެއް ނުލިބިގެން ކަމަށް އިންދްރާ ބުންޏެވެ.
ފިލްމު ވެގެންދާނީ މި ޒަމާނަށް ފެތޭ ލޯބީގެ ފިލްމަކަށެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ހަމަ ފެށުނީއެވެ. އެހެންކަމުން ފިލްމާ ގުޅޭ މާ ގިނަ ވާހަކަތަކެއް އިންދްރާ ވެސް ހާމަކޮށްފައެއް ނުވެ އެވެ.
އެހެންކަމުން 'ދިލް އަގެއިން' އިން އާމިރާއި މާދުރީ ފެނިގެންދާނެ ކަން ނުވަތަ ނޫންކަން ވެސް އަދި ނޭނގެ އެވެ.
އިންދްރާގެ ކުރިއަށް އޮތް ފިލްމު، 'ޓޯޓަލް ދަމާލް' އަށް އޭނާ ވަނީ ނުވަދިހައިގެ އަހަރުތަކުގެ ހިތްގައިމު ޖޯޑު އަނިލް ކަޕޫރު އަދި މާދުރީ ވެސް ކާސްޓު ކޮށްފަ އެވެ. އެހެންކަމުން 'ދިލް އަގެއިން' އިން އާމިރާއި މާދުރީ ފެނިގެންދިއުމަކީ ވެސް ދުރުކަމެއް ނޫނެވެ.