09 Oct 2011, 18:20
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗްތައް ނުހުންނަ ރަށްރަށުގައި ކޮމިއުނިޓީ ބޭންކިންގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޯސްޓާއި ދިވެހި ބޭންކާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ދިވެހި ބޭންކުގެ މައި އިމާރާތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބޭންކުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީއީއޯ ޕީޓާ ހޯޓަން އެވެ. ޕޯސްޓްގެ ފަރާތުން ސޮއި ކުރެއްވީ އެ އޮތޯރިޓީގެ މެނޭޖިން ޑިރެކްޓަރު ޝާޒްލީ ޝަފީގް އެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝާޒްލީ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ބޭންކްގެ ބުރާންޗްތައް ނުހުންނަ ރަށްރަށުގައި ޕޯޓް އޮފީސް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާ ކުރުމާއި އަދި އޭޓީއެމްގެ ހިދުމަތްވެސް ދޭނެ ކަމަށެވެ. ކޮމިއުނިޓީ ބޭންކިން ކުރިއަށް ގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެންނަށްވެސް އާ ކަމަކަށް ވީމާ މި އެއްބަސްވުމުގެ ދަށުން ދާނެ ހަރަދާއި ހިންގޭނެ ގޮތްތަކެއް ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާނީ. އެގޮތުން އަންނަ އަހަރު އިރާދަކުރެއްވިއްޔާ މަސައްކަތް ފެށޭނެ މި ބަލަނީ ފުރަތަމަ އޭޓީއެމްއަކުން ފަށަން،" ޝާޒްލީ ވިދާޅުވި އެވެ.
އެންމެ ފުރަތަމަ އޭޓީއެމް ބަހައްޓާ ރަށްތަކުގެ ތެރޭގައި ނ. ވެލިދުއާއި ހަނިމާދޫ ހިމެނެ އެވެ. އެއްބަސްވުމުގެ ދަށުން މާލޭގައި ހުންނަ ޕޯސްޓް އޮފީހުގައި އޭޓީއެމްގެ ހިދުމަތް މާދަމާއިން ފެށިގެން ދޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.
ބީއެމްއެލްގެ ސީއީއޯ ހޯޓަން ވިދާޅުވީ އެ އެއްބަސްވުމުގެ ބޭނުމަކީ ބޭންކުގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި ބޭންކުން އަބަދުވެސް އެކަމަށް ހާއްސަ އަހަންމިއްޔަތެއް ދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނާ ކައިރިން ހުރިހާ ރައްޔިތުންނަށް ވެސް ހިދުމަތްދޭން. މި އެއްބަސްވުމުންވެސް އެކަމަށް މަގުފަހިވޭ،" ހޯޓަން ވިދާޅުވި އެވެ.