ދިއްލީ (ފެބްރުއަރީ 12): އިންޑިއާ އިން 2016 ވަނަ އަހަރު ފްރާންސުގެ 36 ރަފާލް ފައިޓާ ޖެޓު ގަންނަން އެއްބަސްވުމެއް ހެދި އިރު އޭގައި ހިމެނޭ އެންޓި ކޮރަޕްޝަން މާއްދާތައް ސަރުކާރުން އުނި ކުރި ކަމަށް ހިންދޫ ނޫހުން ރިޕޯޓުކޮށްފި އެވެ.

އިންޑިއާ އިން ފްރާންސުގެ ޑަސޯލްޓު އޭވިއޭޝަނުގެ 36 ރަފާލް ޖެޓު ގަންނަން ނިންމާފައިވާކަން އިއުލާން ކުރީ އޭޕްރިލް 2015ގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ފްރާންސަށް ކުރެއްވި ދަތުރުފުޅެއްގައި އެވެ. ތޭވީސް ސެޕްޓެމްބަރު 2016ގައި ސޮއި ކުރި އެ އެއްބަސްވުމުގެ އަގު 7.87 ބިލިއަން ޔޫރޯ (އަށް ބިލިއަން ޑޮލަރު)އަށް އަރަ އެވެ.

ހިންދޫ ނޫހުގައިވާ ގޮތުން އިންޑިއާ އާއި ފްރާންސުން އެ އިންޓަ-ގަވަމެންޓަލް އެގްރީމެންޓް (އައިޖީއޭ)ގައި ސޮއި ކުރުމުގެ ކުރިން، އެ ގައުމުގެ ކެބިނެޓް ކޮމިޓީ އޮން ސެކިއުރިޓީ (ސީސީއެސް)އިން ވަނީ އޮގަސްޓު މަހު އެ އެއްބަސްވުމަށް ރުހުން ދީފަ އެވެ.

ނަމަވެސް އެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އެ ގައުމުގެ ޑިފެންސް އެކުއިޒިޝަން ކައުންސިލުން އައިޖީއޭ އަށް އަށް ބަދަލެއް ގެނަ އެވެ. އޭގެ ތެރޭގައި އެއްބަސްވުމުގައި ހިމެނޭ އެންޓި ކޮރަޕްޝަން މާއްދާތަކެއް އުވާލުން ހިމެނެ އެވެ. އެއީ "މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމަށާއި (މުދާ ސަޕްލައި ކުރާ) ކުންފުނީގެ އެކައުންޓުތަކަށް އެކްސެސް ދިނުމަށް" ބުނެފައިވާ މާއްދާތައް ކަމަށް ހިންދޫން ރިޕޯޓު ކުރި އެވެ.

މީގެ އިތުރުން، ރަފާލް ޖެޓުތައް ވިއްކި ޑަސޯލްޓް އޭވިއޭޝަނާ އެކު ފައިސާގެ މުއާމަލާތްތައް ކުރުމަށް އެސްކްރޯ އެކައުންޓެއް ހެދުމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ފައިނޭންސް ޑިވިޝަނުން ކެބިނެޓުގެ ސެކިއުރިޓީ ކޮމިޓީއަށް ލަފާ ދިން ކަމަށް ހިންދޫން ބުންޏެވެ. ނަމަވެސް ސަރުކާރުގެ ޕްރެޝަރުގެ ސަބަބުން އެކަން ނުކުރެވުނީ ކަމަށް ވެސް އެނޫހުން ތުހުމަތު ކުރި އެވެ.

ހިންދޫގައިވާ ގޮތުން، ފްރާންސުގެ ސަރުކާރުން އޮޕަރޭޓު ކުރާ އެސްކްރޯ އެކައުންޓެއް ހަދަން ފައިނޭންޝަލް އެޑްވައިޒަރުން ލަފާ ދިނީ، ރަފާލް އެއްބަސްވުމަށް ސޮވެރިން ނުވަތަ ބޭންކް ގެރެންޓީއެއް ދޭން ފްރާންސުގެ ސަރުކާރުން ދެކޮޅު ހެދުމުންނެވެ.

އެސްކްރޯ އެކައުންޓެއް ހަދަނީ ދެ ފަރާތެއްގެ މެދުގައި ހަދާ އެއްބަސްވުމެއްގައި ހިމެނޭ ފައިސާ ތިން ވަނަ ފަރާތެއްގެ އެކައުންޓުގައި ބަހައްޓައި، ދެ ފަރާތުން ނިންމާ ޝަރުތުތަކެއްގެ މަތިން އެ ފައިސާ ދޫކުރުމަށެވެ. އެއީ ޑަސޯލްޓުން އަމަލު ކުރަނީ އެއްބަސްވުމާ އެއްގޮތަށްކަން ޔަގީން ކުރުމަށް އަޅަން ޖެހޭ މުހިއްމު ފިޔަވަޅެއް ކަމަށް ދަ ވަޔާއިން ބުންޏެވެ.

އިންޑިއާ އިން ރަފާލް ޖެޓުތަކެއް ގަންނަން ޑަސޯލްޓާ އެކު ފުރަތަމަ އެއްބަސްވުމެއް ހެދީ މާޗް 2014ގައި، އޭރު އޮތް ކޮންގްރެސް ޕާޓީ އިސްކޮށް އޮންނަ ޔުނައިޓެޑް ޕްރޮގްރެސިވް އެލަޔަނަސް (ޔޫޕީއޭ)ގެ ސަރުކާރުންނެވެ. އެއެއްބަސްވުމުގައި އޮތީ އިންޑިއާ އިން ފްރާންސުގެ 18 ފައިޓާ ޖެޓު ގަނެ، ޑަސޯލްޓްގެ އެހީއާ އެކު އިންޑިއާގެ ހިންދުސްތާން އެރޮނޯޓިކް ލިމިޓެޑް (އެޗްއޭއެލް)އިން އިތުރު 108 އުފައްދާ ގޮތަށެވެ.

ނަމަވެސް 2014 ވަނަ އަހަރު ބާރަތިޔާ ޖަނަތަ ޕާޓީ އިސްކޮށް އޮންނަ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ވެރިކަމަށް އައިސް، އެ އެއްބަސްވުން އުވާލީ އެވެ. އަދި އާ އެއްބަސްވުމެއް ހަދަން ނިންމިކަން މޯދީ އިއުލާން ކުރެއްވި އެވެ.

މޯދީގެ ސަރުކާރުން ހެދި އެއްބަސްވުމުގައި ވަނީ "އޮފްސެޓް ކްލޯސް"އެއް ހިމަނައިފަ އެވެ. އަދި އެ މާއްދާގައި ވަނީ އެއްބަސްވުމުގައި ހިމެނޭ ފްރާންސުގެ ކުންފުނިތަކުން، އެއްބަސްވުމުގެ އަގުގެ 50 ޕަސެންޓު އިންޑިއާގެ ކުންފުނިތަކަށް އިންވެސްޓު ކުރުމަށް ޝަރުތުކޮށްފަ އެވެ. އެގޮތުން ޑަސޯލްޓުން އިންވެސްޓު ކުރަން ނިންމި ކުންފުނިތަކުގެ ތެރޭގައި ބިލިއަނަރު އަނިލް އަމްބާނީގެ ކުންފުންޏެއް ހިމެނެ އެވެ.

ކޮންގްރެސް ޕާޓީން ބުނާ ގޮތުގައި ޔޫޕީއޭގެ ސަރުކާރުން އެއެއްބަސްވުން ހެދި އިރު ކޮންމެ ޖެޓެއްގެ އަގު ހުރީ 526 ކުރޯޑު ރުޕީސްގަ އެވެ. ނަމަވެސް އެންޑީއޭ އިން އެއެއްބަސްވުން ހެދި އިރު ކޮންމެ ޖެޓެއްގެ އަގު ވަނީ 1638 ކުރޯޑު ރުޕީސްއަށް އަރައިފަ އެވެ.

ކޮންގްރެސް ޕާޓީން ތުހުމަތު ކުރާ ގޮތުގައި އެހާވަރަށް ޖެޓުގެ އަގު ބޮޑު ކުރުމުގެ މަގުސަދަކީ އަނިލް އަމްބާނީއަށް ފައިދާވާ ގޮތަށް އެއްބަސްވުން ހެދުމެވެ. ނަމަވެސް ޑަސޯލްޓާއި އިންޑިއާ ސަރުކާރުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.