09 Oct 2011, 18:08
ވަޒީރުންގެ ފޯން އެލަވަންސްގެ ގޮތުގައި 271115ރ. ދޫކުރި މައްސަލައާއި އަމިއްލަ ކުންފުންޏެއްގެ ދަރަނި ސަރުކާރުން ދައްކައިދިން ކަމަށް ބުނާ މައްސަލަ ބަލައިދިނުން ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު މައްސަލަ ހުށައަޅައިފިއެވެ.
ސަލީމްގެ ފަރާތްޕުޅުން މިދެ މައްސަލަ އޭސީސީއަށް ހުށައަޅާފައި ވަނީ ވަކިވަކިންނެވެ.
ވަޒީރުންނަށް ފޯނު އެލަވަންސް ދިން މައްސަލަ ބަލައި ދިނުމަށް އެދި ސަލީމް އޭސީސީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްގައި ހިމަނާފައި ކަމަށާއި އެބަޖެޓްގައިވާ ފައިސާގެ އިތުރުން އެއްވެސް ފައިސާއެއް ދިނުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށާއި އެކަން ތަހުގީގުކޮށް ޒިންމާވާން ޖެހޭ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް ދެއްވުން އެދޭ ކަމަށެވެ.
އަދި އަމިއްލަ ކުންފުންޏެއްގެ ލޯނެއް ދައުލަތުގެ ފައިސާއިން ދައްކައިދިން މައްސަލަ ބަލައި ދިނުން އެދި ސަލީމް ފޮނުވި ސިޓީގައި ބުނެފައި ވަނީ ގާނޫނާ ހިލާފަށް ދައުލަތުން އެތައް ލައްކަ ޑޮލަރެއް ނަގައި އެމްޑީޕީގެ އެކްޓިވިސްޓެއްގެ ދަރަނި އަދާކޮށްދީފައިވުމަކީ ރައީސް ނަޝީދާއި އޭރުގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް ހިންގަވާފައިވާ ޖަރީމާއެއް ކަމަށް ސަލީމް ދެކެވަޑައިގަންނަވާ ކަމަށާއި އެމައްސަލަ އޭސީސީން ބަލައިދިނުމަށް އެދޭ ކަމަށެވެ.
ސަލީމް ހުށައެޅި ދެމައްސަލަވެސް އަވަސް އަދި ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ދިނުމަށް އެޕާޓީން ވަނީ އެދިފައެވެ.