ސިފައިން ލައްވާ އެމީހުންނާއި ނުގުޅޭ މަސައްކަތްކުރުވަމުން ދަނީ އެމްޑީޕީގެ ވަޢުދުތައް ފުއްދުމަށް ކަމަށް ޕީޕީއެމް ތުހުމަތުކޮށްފި އެވެ.

ޕީޕީއެމް އުފެއްދުމުގެ މަސައްކަތްކަތުގައި އުޅުއްވާ އުމަރު ނަސީރު މިއަދު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސިފައިން ލައްވާ މަގުހެދުމާއި، ފެންހޮޅިވަޅުލުމުގެ އިތުރަށް މާރުކޭޓް އެޅުމުގެ މަސައްކަތް ފަދަ ކަންކަން ސަރުކާރުން ކުރުވަމުން ދާ ކަމަށާއި އެކަންކަން ކުރުވަނީ އެމްޑީޕީގެ ވައުދުތައް ފުއްދުމަށް ކަމަށެވެ. އަދި ވިދާޅުވީ މިހާރުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ ކުރީގެ ސާކުސަމިޓްގައި ބޮންގޮއްވަން މަސައްކަތް ކުރި މީހުންކަމަށާއި ސާކުސަމިޓްގެ ސެކިއުރިޓީ ބެލހެއްޓުމަށް ލަންކާ އާއި އިންޑިޔާއިން ސިފައިން ފޮނުވަނީ މި ސަރުކާރާއިމެދު އިތުބާރު ނުކުރެވޭތީ ކަމަށެވެ.


"ސާކުސަމިޓް ވައުދު ފުއްދުމަށް މަސައްކަތްކުރުމަށް އައްޑުއަތޮޅަށް 500 އެއްހާ ސިފައިންވަނީ ފޮނުވާފަ. އެމީހުންނަށް ރަނގަޅު އެކޮމެޑޭޝަނެއް ސަރުކާރުން ހަމައެއްނުޖައްސާ. ރަނގަޅު ކެއުމެއް އެމީހުންނަކަށް ފޯރުކޮށެއްނުދޭ. މިހާރުވެސް އެތައް ސިފައިންނެއް ބަލިވެގެން މާލެ ގެންނަމުން އެބަދޭ" އުމަރު ވިދާޅުވިއެވެ.

އައްޑޫގައި ސާކްސަމިޓަށް ތައްޔާރުކުރާ ދަރުބާރުގެއާއި އެހެނިހެން މަސައްކަތްތަކަކީ ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލު ކޮށްފައިވާ މަސައްކަތްތައް ނަމަވެސް އައްޑުއަތޮޅުގެ ކުންފުނިތަކަށް ސަބްކޮންޓްރެކްޓަށް އެމަސައްކަތް ނުދީ ސިފައިން ލައްވާ މަސައްކަތް ކުރުވާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އައްޑުއަތޮޅުގެ ރައްޔިތުންނަށް [ކުންފުނިތަކަށް] މަސައްކަތް ނުދީ ސިފައިންލައްވާ މި މަސައްކަތް ކުރުވުމުގެ ބޭނުމަކީ ކޮބައިތޯ؟ މަސައްކަތްތައް އައްޑޫ ރައްޔިތުންނާއި ހަވާލުކުރިނަމަ އެމީހުންނަށް އޭގެން ފައިދާލިބޭނެ ނޫންތޯ؟" އުމަރު ވިދާޅުވިއެވެ.