12 Feb 2019, 15:25
ރާާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް 2.38 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެއްދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ތައްޔާރު ކުރި އޮޑިޓް ރިޕޯޓް އާންމުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޝަރުމާ ނަސީރު ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް 62 ސްކޫލެއްގައި ކިޔަވައިދެމުންދަނީ އެއް ދަން ފަޅިއަކަށް ވުރެ ގިނަ ދަންފަޅިތަކަަކަށް ބަހާލައިގެން ކަމަށެވެ.
އަދި އެ 62 ސްކޫލް އެއް ދަން ފަޅިއަކަށް ކިޔަވައިދިނުމުގެ ގޮތުން ތިން ބަޔަކަށް ބަހާލައިގެން ކަންތައްތައް ކުރަން ނިންމާފައިވާ ކަމަށް ޝަރުމާ ވިދާޅުވި އެވެ.
އެގޮތުން ފުރަތަމަ މަރުހަލާގައި ސްކޫލުތައް އެއް ދަން ފަޅިއަށް ބަދަލުކުރާ އިރު 37 ސްކޫލެއްގެ އިތުރު 10 ކްލާސްރޫމް ނުވަތަ އެ އެއަށް ވުރެ މަދުން އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ދެވަނަ މަރުހަލާގައި 10 ސްކޫލަށް ވުރެ ގިނަ ކްލާސްރޫމްތައް 13 ސްކޫލެއްގައި އަޅަން ޖެހޭ ކަމަށެވެ.
އަދި ތިން ވަނަ މަރުހަލާގައި މާލޭގެ ހުރިހާ ސްކޫލުތައް އެއް ދަންފަޅިއަކަށް ހެދުމަށް އިތުރު 10 ސްކޫލު އިމާރާތް ކުރަން ޖެހޭނެ ކަމަށެވެ.
"ޖުމްލަ ގޮތެއްގައި ބަލާ އިރު ރާއްޖޭގައި އިތުރަށް ހުރި 62 ސްކޫލު ސިންގަލް ސެޝަންއަށް ހަދަން ބަލާއިރުގައި 288 ކްލާސްރޫމް، 44 ސައިންސް ލެބް، 28 ލައިބްރަރީ، 42 އޯޑިއޯ ވިޝުއަލް ރޫމް، 57 ބަދިގެ ނުވަތަ މެސްރޫމް، 22 ސްޓާފްރޫމ ދެން މާލޭ ޒޯންއަށް 10 ސްކޫލު ބޭނުންވޭޭ އެބަ. މިކަމަށް ޓަކައި ޖުމްލަ 2.38 ބިލިއަން ރުފިޔާ ބޭނުންވޭ." ޝަރުމާ ވިދާޅުވި އެވެ.