މި އަހަރުގެ ޖެނުއަރީ މަހު ކަސްޓަމްސްއަށް އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާންމުދަނީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 14.39 ޕަސެންޓު އިތުރުވެއްޖެއެވެ.

ކަސްޓަމްސްއިން އާންމުކުރި ޖެނުއަރީ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖެނުއަރީގައި ކަސްޓަމްސްއަށް އިމްޕޯޓް އެކްސްޕޯޓުން 268 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި އަހަރުގެ ޖެނުއަރީ މަހު ލިބިފައި ވަނީ 306.6 މިލިއަން ރުފިޔާއެވެ. މިއީ 14.39 ޕަސެންޓު އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ އަގު 2018 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު ވަނީ ހަ ޕަސެންޓު އިތުރުވެފައެވެ. މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ އަގަކީ ހަތަރު ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިމްޕޯޓުކުރި މުދަލުގެ އަގަކީ 3.8 ބިލިއަން ރުފިޔާއެވެ.

އެކްސްޕޯޓަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އަގާއި އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގު ވަނީ 28 ޕަސެންޓު ދަށްވެފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގަކީ 473،2 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގަކީ 342.6 މިލިއަން ރުފިޔާއެވެ.

ޖެނުއަރީ މަހު އެންމެ ގިނައިން އިމްޕޯޓު ކުރި ފަސް ގައުމު:

  • ޔޫއޭއީ: 21 ޕަސެންޓު

  • ޗައިނާ: 16 ޕަސެންޓު
  • ސިންގަޕޫރު: 10 ޕަސެންޓު
  • އިންޑިއާ: 9 ޕަސެންޓު
  • މެލޭޝިއާ: 8 ޕަސެންޓު

ޖެނުއަރީ މަހު އެންމެ ގިނައިން އެކްސްޕޯޓު ކުރި ފަސް ގައުމު:

  • ޖަރުމަނު ވިލާތް: 17 ޕަސެންޓު

  • އެމެރިކާ: 14 ޕަސެންޓު
  • އިނގިރޭސިވިލާތް: 14 ޕަސެންޓު
  • ފަރަންސޭސިވިލާތް: 10 ޕަސެންޓު
  • ތައިލެންޑު: 8 ޕަސެންޓު