12 Feb 2019, 14:04
މިމަހުގެ 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހު ޖަލްސާތައް މިމަހުގެ 25ގައި ފަށަން ނިންމީ މަޖިލީހުގެ ރައީށް ގާސިމް އިބްރާހިމް ހުރިހާ ޕާޓީއެއްގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ ޑިސެމްބަރު 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދައުރު ފެށުމަށް މިދިއަ ބުރާސްފަތި ދުވަހު ވަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާ ބާއްވާފަ އެވެ.
މަޖިލީހުގެ ޖަލްސާތައް މެދު ކަނޑާލިއިރު މިހާރުގެ ސަރުކާރުން ކޮންމެހެން ފާސްކުރަން ބޭނުންވެގެން ހުށަހަޅާފައިވާ ބިލުތަކެއްގެ މަސައްކަތް ވަނީ ނުނިމި އެވެ.
އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް ބާރު ދިނުމަށް އެކުލަވާލާފައިވާ ބިލަށް ވެސް ވޯޓަށް ނޭހި ޖަލްސާ ނިންމާލަން ޖެހުނީ މެމްބަރުން ހަމަ ނުވުމުންނެވެ.
މި އަހަރު މަޖިލިސް ފެށުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު އެދިވަޑައިގެންފައި ވަނީ އެމަނިކުފާނުގެ ސަރުކާރު ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ބޭނުންވާ ގާނުނުތައް އިސްކަމެއް ދެއްވައިގެން ފާސްކޮށްދިނުމަށެވެ.