12 Feb 2019, 13:32
މާލޭ ސަރަހައްދުގައި އިތުރު 10 ސްކޫލު އެޅުމަށް ވިސްނަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.
އެއްދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ތައްޔާރު ކުރި އޮޑިޓް ރިޕޯޓް އާންމުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޝަރުމާ ނަސީރު ވިދާޅުވީ މާލާގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމުގައި ގޮން ޖެހުންތައް އެބަހުރި ކަމަށެވެ.
އެގޮތުން އެންމެ ބޮޑު ގޮން ޖެހުމަކީ ސްކޫލުތަކުގައި އިތުރު ކްލާސްރޫމްތައް އަޅާނެ ޖާގަނެތުން ކަމަށެވެ.
"ތޭރަ ސްކޫލެއް އެއް ދަންފަޅި ކުރާއިރު އޮތް ހަމައެކަނި ހައްލަކީ އިތުރު ސްކޫލުތަކެއް މާލޭ ސަރަހައްދުގައި ގާއިމްކުރުން. އަޅުގަނޑުމެންގެ ޕްރޮގްރާމްގެ ތެރެއިން މާލެ އިތުރު 10 ސްކޫލެއް ބިނާކުރުމަށް ރާވަމުން މިދަނީ،" ޝަރުމާ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ ވިދާޅުވީ 10 ސްކޫލު އަޅާނީ އެފަދަ އެއްދަންފަޅިއަށް ހިންގާ ސްކޫލުތައް ނަމޫނާ ސްކޫލަކަށް ބަލައިގެން ބެސްޓް ޕްރެކްޓިސްއާ އެއްގޮތަަށް ކަމަށާއި އަދި އެ ސްކޫލުތަކަށް ކުދިން ދާނީ ދާހިތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި 10 ސްކޫލުގެ ކޮންސެޕްޓް މިހާރު މި ހުންނަ ސްކޫލުތަކާ ވަރަށް ތަފާތުވާނެ." ޑރ. އައިޝަތު ވިދާޅުވި އެވެ.