ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ފެށިގެން ދާނީ ކޮންމެ ރައްޔިތެއްގެވެސް އަމިއްލަ ނަފްސާ ހިސާބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ފަށާފައިވާ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިން އިފްތިތާހު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ކޮންމެ ބޭފުޅަކުވެސް ގަބޫލުފުޅު ކުރައްވަންވީ ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތް ފެށޭނީ އެ ބޭފުޅެއްގެ އަމިއްލަ ނަފްސާ ހަމައިންކަން. އެކަމަށް ބޭނުން ވަނީ ކޮންމެ ބޭފުޅެއްގެ އިހްލާސްތެރިކަން. ޒަމީރުގެ ތެދުވެރިކަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މިއަދު އިފްތިތާހު ކުރި ކޮރަޕްޝަންގެ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭ ޕޯޓަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ޕޯޓަލަކީ "ވިސަލްބްލޯވިން"އަށް މަގުފަހިވާނެ މުހިންމު ވަސީލަތަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ދައުލަތުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުންނަށް ވެސް އަޅުގަނޑު މި ގޮވާލަނީ އަޅުގަނޑުމެން މި ހުށަހަޅައިދިން ދޮރުން ވަދެވަޑައިގަންނަވާށޭ. އެ ބޭފުޅެއްގެ އޮފީހުގައި ނާޖާއިޒް ކަމެއް ހިނގާ ކަމުގެ ޝައްކު ވިޔަސް އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެއްވުމަށް އަޅުގަނޑު އެދެން. އާންމު ރައްޔިތުންވެސް މި ޕޯޓަލް މެދުވެރިކޮށް ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް އަޅުގަނޑު އެދެން،" އެމަނިކުފާނު ވިދާޅުވިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ނުހައްގުން މުއްސަނދިވުމުގެ ކުށް ގާނޫނުލްއުގޫބާތުގައި ހިމެނުމުގެ ބިލު މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަން އެމަނިކުފާނު މިއަދު ފާހަގަކުރެއްވިއެވެ.

އަދި ސަރުކާރުގެ އިދާރާތަކުގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓު ކުރާ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ދިނުމަކީ ކޮރަޕްޝަން ހުއްޓުވުމަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އެފަދަ ފަރާތްތަކަށް ހިމާޔަތްދޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން އެކުލަވާލި ބިލުވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވާފައެވެ.

މުދަލާ މާލީ ބަޔާން ހުށަހެޅުމަކީވެސް ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަން ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން، އެންޓި ކޮރަޕްޝަނާއި ހެޔޮ ވެރިކަމާ ބެހޭގޮތުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މައުލޫމާތު ދިނުމަށް ބާއްވާ ޕްރޮގްރާމުވެސް ކުރިއަށްދާކަން ފާހަގަ ކުރައްވައި އެ ޕްރޮގްރާމުގައި މުހިންމު ސިޔާސަތުތަކާ ބެހޭގޮތުން ވާހަކަ ދެކެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.