ސުނާމީ އަށް ފަހު ލ. ގަމުގައި އެޅި ގެތަކަށް ދިޔުމަށް ހެދި ކަމަށް ބުނާ "އެކްސަސް ރޯޑް"ގެ މަސައްކަތަކީ ނުކުރާ މަސައްކަތެއް ކަމަށް ބުނެ، ބަޔަކު ހުށަހެޅި މައްސަލައަކާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން ]އޭސީސީ[ އިން 15.23 މިލިން ރުފިޔާގެ ޕޭމަންޓެއް ހުއްޓުވުމަށް ފަހު މައްސަލަ ބަލަމުން ދަނިކޮށް، ޑިޒާސްޓާ މެނޭޖުމަންޓް އޮފީހުގެ، އޮފީސް މުވައްޒަފެއްގެ ގޭގައި އޮތް ހާޑް ޑިސްކެއް ގެނެސް އޭސީސީގެ އޮފިޝަލުންނާ ހަވާލުކޮށްފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ޑިޒާސްޓާ މެނޭޖުމަންޓްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ގެ އަށް ފުލުހުންނާއި އޭސީސީގެ އޮފިޝަލުންނާ އެކު ގޮސް އޮފީސް ސާވާގެ ބެކަޕް ހާޑް ޑިސްކެއް ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ހާޑް ޑިސްކްގައި ހުރީ ކޮން އެއްޗެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ނަމަވެސް އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މުޅި އޮފީހުގެ ސާވާ ވަނީ "ފުނޑާލައިފަ" އެވެ.

އޮފިޝަލު ވިދާޅުވީ ޑިޒާސްޓާ މެނޭޖުމަންޓަކީ ބޮޑު ޑިޒާސްޓާއެއް ކަމަށާއި އޮފީސް ސާވާގެ ހާޑް ޑިސްކް މުވައްޒަފެއްގެ ގޭގައި އޮންނަންވީ ސަބަބު ވެސް ނޭނގޭ ކަމަށެވެ.

ޑިޒާސްޓާ މެނޭޖުމަންޓްގެ މުވައްޒަފެއްގެ ގެއިން ހާޑް ޑިސްކެއް ގެނައިސް އޭސީސީއާ ހަވާލު ކުރިތޯ ސާފުކުރުމަށް އޭސީސީގެ ރައިސް ހަސަން ލުތުފީއާ ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އެކަން އޭސީސީން ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ނަމަވެސް އޭސީސީގެ ރައީސް މިއަދު ހެނދުނު ވިދާޅުވީ އެ ކޮމިޝަނުގެ ޓީމެއް، ފުލުހުންނާ އެކު ޑިޒާސްޓާ މެނޭޖުމަންޓްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެއީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި، މޯވޭ ކޮންސްޓްރަކްޝަނުން ލ. ގަމުގައި ހެދި ކަމަށް ބުނާ، "އެކްސަސް ރޯޑް" އަކަށް 15.23 މިލިއަން ރުފިޔާއެއް ނަގަން އުޅުނު މައްސަލަ އެކެވެ.

އޭސީސީ އިން ވަނީ އެ 15.23 މިލިއަން ރުފިޔާގެ ޕޭމަންޓް ހުއްޓުވައިފަ އެވެ.