12 Feb 2019, 12:13
ރާއްޖެ އާއި ލަންކާގެ ކަނޑުތައް ދެ ގައުމުން ވެސް ބޭނުންކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލަންކާގެ މިނިވަންކަން ފާހަގަކުރުމުގެ ގޮތުން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ރޭގެ ކުރީ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާޙަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލަންކާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބަދަހި ކަމަށާއި އަދި އެ ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭ ކަމަށެވެވެ.
"އަހަރުމެން އެބަޖެހޭ ސްރީލަންކާ އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވެސް ދެ ގައުމަށް ބޭނުންކުރެވޭ ގޮތެއް ހޯދަން. އެބަ ޖެހޭ ދެ ގައުމުގެ މަސްވެރިންނަށް ވެސް ރަނގަޅު މާކެޓެއް ހޯދަން. އެމީހުން ވެސް ބާނާ މަސް މިތާނގައި ވިއްކޭ ގޮތް ވާން ޖެހޭ. އަހަރުމެން ވެސް އެބަޖެހޭ ބާނާ މަސް ވިއްކޭ ގޮތް ހަދަން އެބަ ޖެހޭ. ވެއްލަވައްތާގައި ނޫނީ ކޮލަމްބޯގައި ވެސް،" ނަޝީދު ވިދާޅުވި އެވެ.
ދެ ގައުމުގެ ކަނޑުތައް ހުޅުވާލަން ރައީސް ނަޝީދު ގޮވާލެއްވި އިރު ރާއްޖެ އާއި ލަންކާއަކީ މަސްވެރިކަން ކުރުމުގައި ވަރަށް ތަފާތު އުކުޅުތަކެއް ގެންގުޅޭ ދެ ގައުމެވެ. އެގޮތުން ރާއްޖޭގައި ހަމައެކަނި ދޮށީގެ މަސްވެރިކަން ކުރާއިރު ލަންކާ މަސްވެރިން ދާއަޅައިގެން މަސްވެރިކަން ކޮށް އުޅެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ބޭރުގެ މަސްބޯޓުތައް ވެސް އަތުލައިގަނެ އެވެ. އަދި އެ ފަދަ ބޯޓުތަކުން ދާ އަޅައިގެން ގިނަ އަދަދަކަށް ރާއްޖޭގެ ކަނޑުތަކުން މަސްވެރިކަން ކޮށްފައިވެ އެވެ.