12 Feb 2019, 11:09
ކޮރަޕްޝަނާ ބެހޭ މައްސަލަތައް ސިއްރުން ހުށަހެޅޭނެ އޮންލައިން ޕޯޓަލެއް މިއަދު ސަރުކާރުން އިފްތިތާހުކޮށްފި އެވެ.
އެ ޕޯޓަލް ތައާރަފުކޮށްފައި ވަނީ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ފަށާފައިވާ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިން އިފްތިތާހު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓު މިނިސްޓަރުންނާއި ސަރުކާރުގެ އިސް އެހެނިހެން ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދު އިފްތިތާހު ކުރި ޕޯޓަލް އަކީ "ގްލޯބަލް ލީކްސް" އިން އުފައްދާފައިވާ ވިސަލްބްލޯވިން ސޮފްޓްވެއާއެކެވެ. އެ ސޮފްޓްވެއާ އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެންޓި ކޮރަޕްޝަން ކޮމިޝަންތަކުން ބޭނުން ކުރަމުން އަންނަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 60 އަށް ވުރެ ގިނަ ޕްރޮޖެކްޓުގައި ބޭނުންކޮށްފައިވާ ސޮފްޓުވެއާއެކެވެ. އޯސީސީއާރްޕީ އަދި އެމްނެސްޓީ އިންޓަނެޝާނަލް ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް އެ ސޮފްޓްވެއާ ބޭނުން ކުރެ އެވެ.
މިއަދު ރައީސް އޮފީހުގައި އިފްތިތާހު ކުރި ޕޯޓަލް މެދުވެރިކޮށް، ކާކުކަން ނޭނގޭ ގޮތަށް، ރައީސް އޮފީހުގައި މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމިޓީއަށް މައްސަލަ ހުށަހެޅޭނެ އެވެ. އެ ޕޯޓަލް އުފައްދާފައި ވަނީ އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ލިޔެކިޔުންތައް ވެސް ޕީޖީޕީ އެންކްރިޕްޝަން އިން ރައްކާތެރި ކުރެވޭނެ ގޮތަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ އިރު ހެކިވެރިންގެ މައުލޫމާތު ވެސް ހުށަހެޅޭނެ އެވެ. އަދި މައްސަލަ ހުށަހެޅުމަށް ފަހު ލިބޭ ކޯޑު މެދުވެރިކޮށް ފަހުން ހެކި ލިބިއްޖެ ނަމަ، އެ ހެކިވެސް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެ އިތުރުން މައްސަލަ ބަލާފައި އޮތް ހިސާބުވެސް އެ ކޯޑު މެދުވެރިކޮށް ބަލާލެވޭނެ އެވެ. ކޮންމެ މީހަކަށް ވެސް ޕޯޓަލް މެދުވެރިކޮށް އެއް މައްސަލައަށް ވުރެ ގިނަ މައްސަލަ ހުށަހެޅޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ޕޯޓަލްމެދުވެރިކޮށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެންނަން ޖެހޭ މައްސަލަތައް، މައްސަލަ ބަލާ ކޮމިޓީން ރައީސަށް ހުށަހަޅާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި އެއަށް ފަހު ރައީސްގެ އިރުޝާދުގެ މަތިން، އެ މައްސަލަ ބަލަން ޖެހޭ ނަމަ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭނެ ކަމަށް ވެސް ބުންޏެވެ.
ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ޕޯޓަލެއް އިފްތިތާހުކޮށްފައިވާ އިރު ކިއުގައި ނުޖެހި ފުލެޓަށް އެދެވެނެ އޮންލައިން ޕޯޓަލް އެއް އިއްޔެ ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓްރީން ވަނީ އިފްތިތާހުކޮށްފަ އެވެ.